04 Feb 2015, 12:55
ހަނިމާދޫން: އަހުމަދު ޝަރުވާން
ހދ. ހަނިމާދޫގައި ސަރުކާރުގެ ފަރާތުން ގާއިމުކުރަން ފަށާފައިވާ ނަރުދަމާގެ މަސައްކަތުގެ ގާތްގަނޑަކަށް 60 ޕަސެންޓް މިހާރު ނިންމާލާފައިވާ ކަމަށް އެންވަޔަަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އުތުރުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުގެ ތެރެއިން ހަނިމާދުއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި އެ މިނިސްޓްރީ އިން ކުރިއަށް ގެންދާ މަޝްޜޫއުތައް ބައްލަވައިލެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހަނިމާދޫގައި ސަރުކާރުން ގާއިމްކުރާ ނަރުދަމާގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަަމަށެވެ.
"ހަނިމާދޫގައި ގާއިމްކުރާ ނަރުދަމާގެ މަސައްކަތް ކުރިއަށް މި ދަނީ ވަރަށް ބާރު ސްޕީޑެއްގައި. މި މަސައްކަތުގެ ގާތްގަނޑަކަށް 60 ޕަސެންޓް މަސައްކަތް މިހާރު މިވަނީ ނިމިފައި. އޭގެ ތެރޭގައި މުހިންމު ބޮޑަތި މަސައްކަތްތައް ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މުހިންމު ބައެއް މަސައްކަތްތަކުގެ ތެރޭގައި ބައެއް ސަރަހައްދުތަކުގެ ގޭގެއަށް ނަރުދަމާގެ މައި ހޮޅި ގުޅައި އަދި އެ ހޮޅިތައް ވަޅުލައި ނިންމާލާފައިވާ ކަމަށެވެ. އަދި އޭގެ އިތުރަށް ތިން ޕަމްޕް ސްޓޭޝަންގެ މަސައްކަތް ނިންމައި "މެއިން ސީ އައުޓްފޯލް" އަށް ބޭނުންވާ ހުރިހާ ޕަމްޕް ސްޓޭޝަންތަކާއި އޭގެ ވޭލްސް ޗެމްބަރުތައް ހަދައި ނިމިފައިވާ ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހު ތެރޭގައި ހަނިމާދޫގެ ނަރުދަމާގެ މަސައްކަތް ފަށާފައިވާ އިރު، އެކަށީގެންވާ ދުވެއްޔެއްގައި މަސައްކަތް ކުރިއަށްދާ ނަމަ ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު މަސް ދުވަސް ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިވަގުތަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ ޖަންކްޝަންތަކަށް ބޭނުންވާ ބައެއް ތަކެތި ގެނައުމުގެ މަސައްކަތް ކުރާ ވާހަކަ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ މި މަސައްކަތް އެއްކޮށް ނިމި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ރައްޔިތުންނަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އެ މަސައްކަތަކީ ހައުސިން ޕްރޮޖެކްޓުގެ ދަށުން އައިލެންޑް އެކްސްޕާޓާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެ ދަތުރުގައި ހަނިމާދޫގައި ހުންނަ މޯލްޑިވްސް ކްލައިމޭޓް އޮބްޒަވޭޓަރީ އަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައްދާ ގޮތް ބައްލަވާލެއްވުމުގެ އިތުރުން ކުނި ނައްތާލާ ނިޒާމުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް މިނިސްޓަރު ބައްލަވާލެއްވި އެވެ.