11 Feb 2011, 00:12
ޑީއާރްޕީއާއެކު އެއްބަސްވީ ޒާތީ މަސްލަހަތެއް އިސްކޮށްގެން ނޫން ކަމަށާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ވިޔަސް ގައުމީ ޕާޓީއަށް ލިބޭނީ ކޮން މަގާމުތަކެއްތޯ ވަޒީރުންގެ މަޖިލީހުން ކިހާވަރެއް ލިބޭނެތޯ އެއްބަސްވެފައި ނުވާނެ ކަމަށް ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރްޕީއަށް ލިބުނު ކާމިޔާބީގެ އުފާ ފާޅުކުރުމަށް މިރޭ ހުރާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީއަށްޓަކައި މާބޮޑަށް ފަހުރުވެރިވެ އަމިއްލަ ނަފުސަށް އިތުބާރުކޮށް ޑީއާރްޕީ ޣާފިލުވެގެން ނުވާނެ ކަމަށެވެ.
~
"މި ލިބުނު ކާމިޔާބަކީ ރިޔާސީ އިންތިހާބަށް ފަށާ ފެށުމެއް ކަމަށް ބައްލަވާ، ރިޔާސީ އިންތިހާބަށް ބެލިއަސް މަޖިލީހުގެ އންތިހާބަށް ބެލިއަސް ލޯކަލް ކައުންސިލް އިންތިހާބަށް ބެލިއަސް ފާހަގަވަނީ ރާއްޖޭގެ ރައްޔިތުން ބޭނުންނީ ގުޅިގެން ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި މަސައްކަތްކުރާ ބައެއްކަން." ޑ. ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެނާ ޑީއާރްޕީއާ ގުޅުނީ އެ މަގުސަދަށްޓަކައި އެއްވެސް ކަހަލަ ޒާތީ މަސްލަހަތެއް މިއަކު ނެތް އަޅުގަނޑުގެ އެއްބަސްވުމަކު ނެތް އަޅުގަނޑުމެން ޕާޓީއަށް ކޮންކޮން މަގާމުތަކެއްތޯ ލިބެންޖެހޭނީ. ވަޒީރުންގެ މަޖިލީހުން ކިހާވަރެތޯ އެކަހަލަ އެއްވެސް ކަމެއް ނެތް. އަޅުގަނޑު އެއްބަސްވީ ގައުމީ މަސްލަތަހަށްޓަކައި އަޅުގަނޑު ދެކޭ ގޮތުގައި އެއީ ކުރަންޖެހޭ ކަމެއް،"
އޭނާ ވިދާޅުވީ ނިމުނު ލޯކަލް ކައުންސިލް އިންތހާބުން ވަރަށް ގިނަ ކަންކަން ސާބިތުވެގެން ގޮސްފައިވާ ކަމަށާއި ޑިއާރްޕީގެ މެންބަރުންގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނީ ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރެވުން ކަމަށެވެ. އަދި ވިދާޅުވީ ޑީއާރްޕީގެ މެންބަރުންގެ މެދުގައި ޕާޓީގެ ލީޑާޝިޕަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށާއި އިންތިހާބުގައި 800 އަށް ވުރެ ގިނަ ކެންޑިޑޭޓުން ނެރެގެން 195 ރަށުގައި ވާދަކުރުމަކީ ވަރަށް ގާބިލު ކުޅަދާނަ ލީޑަޝިޕަކަށް ނޫނީ ވެވޭނެ ކަމެއް ނޫން ކަމަށެވެ.
ޑީއާރްޕީގެ މުޅި ލީޑާޝިޕަށާއި ލީޑަރު ތަސްމީނަށް ތައުރީފުކުރައްވައި ޑރ. ހަސަން ވިދާޅުވީ ޑީއާރްޕީއަށް ކާމިޔާބުވީ ހުށިޔާރު ލީޑާޝިޕެއް އޮވެގެން ކަމަށެވެ.
"މާނައަކީ ތިޔަބޭފުޅުންގެ މުސްތަގުބަލު ރަނގަޅޭ. އަޅުގަނޑުމެންގެ މުސްތަގުބަލު ރަނގަޅޭ އިދިކޮޅު ފަރާތްތަކުގެ މުސްތަގުބަލު ރަނގަޅޭ. އިރާދަކުރެއްވިއްޔާ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުން އަޅުގަނޑުމެނަށް ކާމިޔާބު ލިބެނޭ،" ޑރ. ހަސަން ވިދާޅުވި އެވެ.
ޑރ. ހަސަން ވިދާޅުވީ ރާއްޖޭގެ މިހާރުގެ ސިޔާސީ ހަގީގަތް ގަބޫލު ކުރަންޖެހޭ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ އިދިކޮޅު ފަރާތަކަށް ރައްޔިތުން ޑީއާރްޕީ ނިންމާފައިވާ ކަމަށާއި ޑީއާރްޕީގެ ލީޑާޝިޕް ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑު ގޮވާލަން ބޭނުން ވަނީ ޕާޓީގެ ލީޑާޝިޕް އިތުރަށް ހަރުދާނާ ކުރައްވާށޭ. ގުޅިގެން މަސައްކަތް ކުރުމަށް ތަސްމީން ދެއްވި ދައުވަތު ގަބޫލު ކުރައްވާށޭ، ބައިބާ ނުވާށޭ، އެކުވެރިވާށޭ. އަޅުގަނޑުމެން ތެރޭގައި ހުރި ބައިބައިވުންތައް ކުޑަކުރާށޭ ޑީއާރްޕީ ތެރޭގައި، އެކަކު އަނެކަކު ކަތިލާން ނޫޅޭށޭ އެކަކު އަނެކަކު ދަމާ ވައްޓާލަން ނޫޅޭށޭ އެކަމުން މަންފާ ލިބޭނީ އަޅުގަމެންގެ ވާދަވެރިންނަށޭ،" ޑރ، ހަސަން ވިދާޅުވި އެވެ.