މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 614.7 މިލިއަން ޑޮލަރު ކަމަށް ދައްކައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކޮށްފައިވާ އިގްތިސާދީ ރިވިއުއިން ދައްކާގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްއަކީ 614.7 މިލިއަން ޑޮލަރެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު 12 ޕަސެންޓް އިތުރު އަދަދެކެވެ.

އެމްއެމްއޭއިން ބުނާގޮތުގައި ރާއްޖޭގެ ރިޒާވް އިތުރުވުމުގެ ސަބަބަކީ ވިޔަފާރި ބޭނުންކުތަކުގެ އިންވާޑް ޓްރާންސްފާސް އިތުރުވުމެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ އިގްތިސާދުގައި 27.2 ބިލިއަން ރުފިޔާ ހުރިކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ. އެއީ ނޮވެމްބަރު މަހާއި އަޅާބަލާއިރު 14 ޕަސެންޓުގެ އިތުރުވުމެކެވެ. އިގްތިސާދުގައި ފައިސާ އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭއިން ބުނަނީ ބޭންކިން ނިޒާމުގައި ނެޓް ޑޮމެސްޓިކް އެސެޓްސް ދަށަށް ދިޔަ މިންވަރު ކުޑަވުން ކަމަށެވެ. އެކަންއެހެންވީ ބޭންކުތަކުން ސަރުކާރަށް ދޫކޮށްފައިވާ ދަރަނި އިތުރުވުމާއި ގުޅިގެންނެވެ.

ސަރުކާރުގެ ހަރަދާއި އާމްދަނީގެ ތަފްސީލަކަށް ބަލާއިރު ޑިސެމްބަރު މަހު ސަރުކާރަށްވަނީ 1.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އެއީ 2013 ވަނަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 17 ޕަސެންޓު އިތުރުވުމެކެވެ. ހަރަދަށްބަލާއިރު ޑިސެމްބަރު މަހު ސަރުކާރުގެ ހަރަދަކީ 0.9 ބިލިއަން ރުފިޔާއެވެ. އެއީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު ހަތް ޕަސެންޓް ދަށް އަދަދެކެވެ.