04 Feb 2015, 12:10
އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކެމްބްރިޖް ޔުނައިޓެޑާ ވާދަކޮށް 3-0ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، އެ މުބާރާތުގެ ފަސްވަނަ ބުރަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރު ކޮށްފި އެވެ.
ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު އެ މެޗުގެ ލީޑު، ޔުނައިޓެޑުން ނެގީ މެޗުގެ 25 ވަނަ މިނެޓުގައި މަރުއާނޭ ފެލާނީ ދިން ޕާހަކުން އެ ޓީމްގެ ހުއާން މާޓާ ކާމިޔާބު ކުރި ލަނޑާއެކު އެވެ. އޭގެ ހަތް މިނެޓު ފަހުން ޔުނައިޓެޑް ލީޑު ފުޅާ ކޮށްލި އިރު، އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާކޮސް ރޯޖޯ އެވެ. ޔުނައިޓެޑުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ތިން ޕޮއިންޓް އެ ޓީމަށް ކަށަވަރު ކޮށްދިނީ މެޗުގެ 73 ވަނަ މިނެޓުގައި ޖޭމްސް އެންތޮނީ ވިލްސަން އެވެ.
ފަސޭހަ ކާމާއެކު ޔުނައިޓެޑުން މެޗު ކާމިޔާބު ކުރި ނަމަވެސް، މެޗު ރަނގަޅު ފޯމެއްގައި ފަށައި، މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ކެމްބްރިޖް އެވެ. މެޗުގެ އެންމެ ފުރަތަމަ މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑަރު ބްލައިންޑް އަތުން ދޫވި ބޯޅައެއްގެ ބެނުން ހިފާ، ކެމްބްރިޖްގެ އެލިއޮޓް ބާރު ހަމަލާއެއް ޔުނައިޓެޑްގެ ގޯލަށް ފޮނުވާލި އިރު، އެ ޝޮޓު އަމާޒުވީ ޔުނައިޓެޑްގެ ގޯލް ދަނޑިއަށެވެ.
ދެ ލަނޑުގެ ލީޑެއް ޔުނައިޓެޑުން ނެގުމުންވެސް ކެމްބްރިޖް ވަނީ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތު ކޮޅުގައި ހަނި އެންގަލްއަކުން ކެމްބްރުޖްގެ ޑޮނަލްޑްސަން ފޮނުވާލި ބޯޅަ ދިޔައީ ޔުނައިޓެޑްގެ ގޯލަށް އަމާޒު ނުވެއެވެ.
މެޗުގެ ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު ޔުނައިޓެޑް ވަނީ ދެވަނަ ހާފްގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި އެ ހާފްގައި ކެމްބްރިޖްގެ ކީޕަރު ޑަންގެ ފަރާތުން ވަނީ ހުނަރުވެރި ސޭވްތަކެއް ފެނިގެން ގޮސްފައެވެ. މެޗުގެ އެންމެ ފަހު ހަމަލާގައި ކެމްބްރިޖްގެ މެކްގީހަން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލްގެ ދަނޑި ކައިރިން ނެވެ.
އެފްއޭ ކަޕްގައި އެ ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުގައި، ކެމްބްރިޖް ވަނީ ޔުނައިޓެޑަށް ލަނޑެއް ކާމިޔާބުކުރިޔަ ނުދީ ހިފައްޓާލާފައެވެ. ކެމްބްރިޖްގެ ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ރޭގެ ކާމިޔާބީއާއެކު ޔުނައިޓެޑް މިހާރު މުބާރާތުގެ ފަސްވަނަ ބުރަށް ދަތުރު ކޮށްފައި ވާއިރު، ފަސް ވަނަ ބުރުގައި މިމަހުގެ 16 ވަނަ ދުވަހު އެ ޓީމާ ދެކޮޅަށް ވާދަކުރާނީ ޕްރެސްޓަން ނޯތު އެންޑް އެވެ.