ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި ވާކަމަށް ހެލްތު މިނިސްޓްރީ ވަގުތީގޮތުން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާދޭ ކްލިނިކާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިކަން ފޯރުކޮށްދޭ ކްލިނިކް ހުޅުވުމުގެ ގޮތުން މިއަދު ދަމަނަވެށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޝައިނީ ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަކީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ދާއިރާއެއްކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެގޮތުން ފައިލޭރިއާ، މެލޭރިއާ ފަދަ ބަލިތަށް ރާއްޖެއިން ނައްތާލެވުމާއި، ޅައުމުރުގައި މަރުވާ ކުދިންގެ ނިސްބަތް ވަރަށް ބޮޑުތަން ކުޑަކުރެވިފައި ވުމަކީ ސިއްހީ ދާއިރާއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ.

" ހަގީގަތަށް ބަލއިފިކަމަށް ވަންޏާ، ރާއްޖޭގެ ސިއްހީ ދާއިރާއަށް މިވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައި، ގައިގަޔަށް އަރާ ބަލިތަށް މިވަނީ ވަރަށް ބޮޑަށް މަދުވެފައި، ފައިލޭރިއާ މެލޭރިއާ ފަދަ ބަލިތަށް މިވަނީ އެއްކޯށް ނައްތާލެވިފައި، އަދި ޅައުމުރުގައި މަރުވާ ކުދިންގެ އަދަދު މިވަނީ ދައްވެފައި، މިއީ ވަރަށް ބޮޑު ކުރިއެރުމެއް ސިއްހީދާއިރާއަށް ލިބުނު،" ޝައިނީ ވިދާޅުވި އެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުގެ ޚިދުމަތް ދިނުމަށް މިއަދު ހުޅުވި ދެ ކްލިނިކާ ބޭހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ޝައިނީ ވިދާޅުވީ މިއަދު ހުޅުވިގެން ދިޔަ ދެ ކްލިނިކް ހިންގުމަށް ބޭނުންވާނެ ހުރިހާ އެހީއަކާއި، ރިސޯސަސްއެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މިއަދު ދަމަނަވެށީގައި ހުޅުވިގެން ދިޔަ ދެ ކްލިނިކުގެ ތެރެއިން އެންސީޑި ކްލިނިކުން ދެވޭ ފަރުވާ ތަކުގެ ތެރޭގައި އެންސީޑީ ބަލި ކޮންޓްރޯލް ކުރުމަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރާނެ ގޮތުގެ ސިއްހީ މައުލޫމާތު ދިނުމާއި، މިފަދަ ބަލިތަށް ކޮންޓްރޯލް ކުރުމުގައި ދިމާވާ މައްސަލަތަކާމެދު މަޝްވަރާކޮށް ކައުންސިލިންގް ދިނުމާއި، ލޭގެ ޕްރެޝަރު އަދި ހަކުރު ހުރި މިންގަނޑު ޗެކްކުރުމުގެ އިތުރުން ބަރުދަން އަދި އިސްކޮޅާގުޅުވައިގެން ބަރުދަން ހުންނަ މިންގަނޑު ބެލުން ކުރިއަށް ގެންދިއުން ހިމެނެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިކަން ފޯރުކޮށްދޭ ކްލިނިކުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ހަށިގަނޑަށް ލިބޭ ގެއްލުމާއި، ހުއްޓާލުމާލުމުން ލިބޭ ފައިދާގެ މައުލޫމާތާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ދުވަހުން ދުވަހަށް ކައުންސިލިންގް ދިނުމާއި، ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތްތަށް ފޯރުކޮށްދިނުމާއި، އާންމުންނަށް ފޯނުން މައުލޫމާތު ދިނުން ހިމެނޭ ކަމަށް ދަމަވެށިން ބުންޏެވެ.

ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާދޭ ކްލިނިކާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިކަން ފޯރުކޮށްދޭ ކްލިނިކް ހުޅުވުމުގެ ގޮތުން މިއަދު ދަމަނަވެށީގައި ބޭއްވި އެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޝައިނީގެ އިތުރުން ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.