04 Feb 2015, 11:47
ޅ. ހިންނަވަރުގައި ޖިންސީ ގޯނާ ކުރުމަށް އުމުރުން 14 އަހަރުގެ ދަރިފުޅު ލޯބިވެރިޔާއަށް ދިން މައްސަލައިގައި ހައްޔަރުކުރި މަންމަ އާއި މަންމަގެ ލޯބިވެރިޔާގެ މުއްދަތު ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެދެމީހުންގެ ބަންދަށް 15 ދުވަސް ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ. އެދެމީހުންނަކީ ވެސް އުމުރުން 42 އަހަރުގެ ދެމީހުންނެވެ.
އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 42 އަހަރުގެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެރޭގެ ވަގުތެއްގަ އެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރާކަން އެނގިހުރެ އެކަން ނުހުއްޓުވި މައްސަލައިގައި އަންހެން ކުއްޖާ މަންމަ ވެސް ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެ އަންހެން މީހާއަކީ ނ. އަތޮޅު އަންހެނެކެވެ. އޭނާ ހިންނަވަރުގައި އުޅެނީ ކުރިން އެރަށު މީހަކާ އިނދެގެން އުޅެފައިވާތީއެވެ. އެ ކައިވެނި މިހާރު ވަނީ ރޫޅިފައެވެ.
އެކައިވެންޏަށް ތިން ކުދިން ލިބިފައިވާއިރު އޭގެ ތެރެއިން އެ މަންމަ ބަލަހައްޓަނީ ހަށި ވިއްކުވި 14 އަހަރުގެ އަންހެން ކުއްޖާއެވެ. އަނެއް ދެ ދަރިން ތިބެނީ ބައްޕަގެ ބެލުމުގެ ދަށުގައެވެ. ޖިންސީ އަނިޔާލިބުނު ކުއްޖާވެސް މިހާރު އިނީ ބައްޕަގެ ބެލުމުގެ ދަށުގައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ބުނާގޮތުން ކުޑަކުއްޖަކު ލައްވައި މަޖުބޫރުން ހަށިވިއްކި ކަމުގެ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ހަމައެހެންމެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެ ގާނޫނުގައިވެއެވެ.