އައްޑޫ ސިޓީން މާލެ އައި މީހެއްގެ އަތުން މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ހިންގި އޮޕަރޭޝަނުގައި އުމުރުން 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 20 އަހަރުގެ ފިރިހެނަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެތިން މީހުންނަކީ ވެސް ދިވެހިންނެވެ. އަދި އެމީހުން އިބްރާހިމް ނާސިރުއިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހޭޝް އޮއިލް ކަމަށްބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއެކު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީން މާލެ އަންނަ ފުލައިޓަކުން މަސްތުވާތަކެތި ގެންނަ ކަމުގެ މައުލޫމާތު ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ ތަކެތި އަތުލައިގެންފައިވަނީ ރޭ 10:30 ހާއިރު ކަމަށެވެ.

މި އޮޕަރޭޝަންގައި އަތުލައިގެންފައިވާ ތަކެތީގެ އަގު އެއް މިލިއަން ރުފިޔާ އާއި ގާތް ކުރާނެކަމަށް ޑްރަގް ފުލުހުން ބުނެ އެވެ.