04 Feb 2015, 11:30
މިދިޔަ މަހު ނިއުރޭޑިއެންޓުގެ ކެޕްޓަންކަމާ ހަވާލުވި މުހައްމަދު އުމެއިރު އެއް އަހަރުގެ އެއްބަސް ވުމެއްގެ ދަށުން މާޒިޔާއަށް ސޮއި ކޮށްފި އެވެ.
އުމެއިރު މާޒިޔާއަށް ސޮއިކުރިކަން އެ ކްލަބުން ވަނީ ޔަގީންކޮށްދީފައެވެ. އަދި މިއަދު ހއ. އާއި ހދ. އަށް ކުރާ މާޒިޔާގެ ޓުއާގައިވެސް އޭނާ ބައިވެރި ވާނެކަމަށް އެ ކްލަބުން ވަނީ މައުލޫމާތު ދީފައެވެ.
ނިއުއިން އުމެއިރުގެ ކޮންޓްރެކްޓް އުވާލީ ރޭގައެވެ. އެ ކްލަބުން އޭނާގެ ކޮންޓްރެކްޓް އުވާލި ސަބަބާމެދު އެއްވެސް އޮފިޝަލް ބަހެއް އެ ކްލަބުން ލިބިފައި ނުވާއިރު، އެ ކްލަބުން ބުނީ އޭނާގެ ކޮންޓްރެކްޓް އުވާލީ ދެފަރާތުގެ އެއްބަސްވުމާ އެކު ކަމަށާއި، އެ ކްލަބަށް އޭނާ ކޮށްދިން ހިދުމަތަށް އޭނާއަށް ޝުކުރު އަދާކުރާ ކަމަށެވެ.
އެންމެ ފުރަތަމަ 2012 ވަނަ އަހަރު ނިއުއާ ގުޅުނު އުމެއިރު އޭގެ ކުރިން 2011 ވަނަ އަހަރުވެސް ކުޅުނީ މާޒިޔާ އަށެވެ. އަދި އޭނާ ނިއުރޭޑިއެންޓާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައި ވާއިރު، އެ ކްލަބު ދޫކޮށްލަން އޭނާ ގަސްދުކުރީ ނިއުގެ ސަޕޯޓަރުންނާއި އޭނާއާ މެދު މައްސަލަ ޖެހުމުން ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.