އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއް ކަމަށްވާ، މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު އެންޑަސަން ފްރީ ޓްރާންސްފާއެއްގައި ބްރެޒިލްގެ ކްލަބެއް ކަަމަށްވާ އިންޓަނޭޝަނަލް އަށް ސޮއިކޮށްފި އެވެ.

ޕޯޗުގަލްގެ ޕޯޓޯއިން 2007 ވަނަ އަހަރު 26 މިލިއަން ޕައުންޑުގެ ފީ އަކަށް ޔުނައިޓެޑާ ގުޅުނު އުމުރުން 26 އަހަރުގެ އެންޑަސަން އިންޓަނޭޝަނަލް އަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށް އެ ކްލަބުން ބުނެއެވެ.

ޔުނައިޓެޑަށް ހަތް އަހަރާ ހަ މަސް ދުވަހުގެ ތެރޭގައި 181 މެޗު ކުޅެ ނުވަ ގޯލް އެ ކްލަބަށް ކާމިޔާބު ކޮށްދިން އެންޑަސަން ވަނީ އެ ކުލަބަށް ހަތަރު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގަކާއި ދެ ލީގު ތަށީގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދީފަ އެވެ.

ނަމަވެސް އަނިޔާއާއި ފިޓްނަސްގެ މައްސަލަތަކުގެ ސަބަބުން ވޭތުވެދިޔަ ތިން އަހަރު އޭނާއަކަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެކަމުގެ ސަބަބުން މިފަހަރުގެ ސީޒަންގައި އޭނާ ފެނިފައިވަނީ އެންމެ ދެ މެޗުންނެވެ.

"ޝުކުރިއްޔާ މެންޗެސްޓާ ޔުނައިޓެޑް. ތީ ދުނިޔޭގައި އެންމެ މޮޅު ކްލަބް. އަހަރެން ކްލަބުދެކެ ވަރަށް ލޯބިވޭ. އަދި ކްލަބާއެކު ހޭދަކުރި ކޮންމެ އަހަރަކީ ޝައުގުވެރި އަހަރެއް،" އިންޓަނޭޝަނަލް އަށް ބަދަލުވުމަށްފަހު އެންޑަސަންގެ އިންސްޓަގްރާމް އެކައުންޓުގައި ލިޔެފައިވެ އެވެ.