04 Feb 2015, 11:08
ހއ. ފިއްލަދޫން ފެނުނު ކަމަށްބުނާ ކިނބުލުގެ ތަހުގީގުން އެރަށުން ކިނބުލެއް ފެނުނުކަމަށް ގަބޫލް ކުރެވޭ ވަރުގެ ހެކިތަކެއް ފެނިފައިނުވާކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުޙައްމަދު މިއަދު 'ސަން' އަށް ވިދާޅުވީ، ފިއްލަދޫއިން ކިނބޫ ފެނުނުކަމަށް ބުނާތީ ސިފައިން އެރަށަށްގޮސް އެކަން ތަހުގީގުކޮށްފައި ވާކަމަށާއި ނަމަވެސް މިހާތަނަށް އެނގުނުގޮތުގައި އެރަށުން ކިނބޫ ފެނުނުކަމުގެ ހެކި ފެނިފައިނުވާ ކަމަށެވެ.
"އެންމެ މީހަކަށް ސީދާ ފެނުނު ކަމަށް ބުނަނީ، އަޅުގަނޑުމެންގެ ބޭކަލުން ފޮނުވައި ބެލިބެލުމުން އަދި މީހުންނާއި ކުރެވުނު ސުވާލުތަކުން ކުރެޑިބަލް ކަމަށް ނުފެނޭ،" އަދުނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިފައިންގެ ތަހުގީގުން އެގޮތަށް ފެނުނުނަމަވެސް އެރަށު ކައުންސިލުން އެރަށުން ކިނބުލެއް ފެނުންކަމަށް ބުނާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަމަށެވެ.
ކިނބޫ ހޯދޭތޯ އެ ސަރަހައްދުގެ ރަށްތައް ބަލަމުން އަންނަ ކަމަށާއި އަދި މިހާތަނަށް ކިނބުލުގެ ހިނލަމެއް ވެފައިނުވާކަމަށް ވިދާޅުވި އެވެ. ނަމަވެސް ކިނބޫ ފެންނަމުންދާތީ ރައްޔިތުންގެ ސަމާލު ކަމަށް އެކަން ގެނެސް މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް ރައްޔިތުންނަށް އަންގަމުންދާ ކަމަށްވެސް އަދުނާން ވިދާޅުވި އެވެ.
ފިއްލަދޫއިން ކިނބުލެއް ފެނުނުކަން ޔަގީންނުވާކަމަށް ސިފައިންބުނާއިރު ހޯރަފުށި ކައިރިން ފެނުނު ކިނބޫ، ހިފަން މަސައްކަތް ކުރުމުގެ ތެރޭގައި އެމްއެންޑީއެފް ބޭފުޅުންގެ އަތުން ކިނބޫ ވަނީ ދޫވެފައެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުން ކިނބޫ ގިނަ އަދަދަކަށް ފެންނަ ދުވަސްވަރެކެވެ. އެގޮތުން ލ. އިސްދޫކަލައިދޫ ކައިރިން ކިނބުލެއް ހިފައި މިހާރު އޭތި ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.