04 Feb 2015, 10:55
ޓްރާޓްރާންސް އޭޝިޔާގެ މަތިންދާ ބޯޓެއް ބްރިޖެއްގައި ޖެހި، ޓައިވާންގެ ވެރިރަށް ޓައިޕޭ ކައިރީގައި އޮތް ކޯރަކަށް ވެއްޓި، އެ ބޯޓުން ދަތުރު ކުރަމުން ދިޔަ 58 މީހުންގެ ތެރޭން ނުވަ މީހަކު މަރުވެއްޖެ އެވެ.
ހަބަރުތައް ލިބިފައިވާ ގޮތުގައި އެ ބޯޓު ދަތުރު ކުރަމުން ދިޔައީ 53 ފަސިންޖަރުންނާއި ފަސް ފަޅުވެރިންނާ އެކުއެވެ. އަދި އެ ބޯޓު ވެއްޓުނުތާ އިރުކޮޅެއްތެރޭ ޓައިވާންގެ ކަމާ ބެހޭ ފަރާތްތަކުން އެ ބޯޓުން ދަތުރު ކުރަމުން ދިޔަ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، މިހާތަނަށް 30 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށާއި އަދިވެސް 10 ވަރަކަށް މީހުން ބޯޓުތެރޭ ތާށި ވެފައިވާ ކަމަށް ބީބީސީން ބުނެ އެވެ.
އޭޓީއާރް – 72 މަރުކާގެ އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ޓައިޕޭއިން ޗައިނާގެ އައްސޭރި ފަށުގައި އޮންނަ ކިންމެން އައިލެންޑްސް އަށެވެ. އެ ބޯޓު އެއާޕޯޓު ފުރިފަހުން 10:55ގައި އެ ބޯޓާ ގުޅުން ކެނޑިފައިވާ ކަމަށް ޓައިޕޭ އެއާޕޯޓުގެ ކޮންޓްރޯލަރުން ވަނީ ބުނެފަ އެވެ.
ބޯޓު ވެއްޓުނު ވަގުތު ބްރިޖުން ދަތުރު ކުރަމުން ދިޔަ ބައެއް ފަރާތްތަކުން ވަނީ ބޯޓު ވެއްޓޭ މަންޒަރުތައް ވީޑިއޯ ކޮށްފަ އެވެ. އެ ވީޑިއޯތަކުން ދައްކާ ގޮތުގައި، އެ ބޯޓު ވަރަށް ހަނި އެންގަލަކުން ބޭންކް ކުރުމަށް ފަހު، ބްރިޖުގައި ޖެހި ކޯރަށް ވެއްޓޭތަން ދައްކަ އެވެ.