ހުޅަނގު ދެކުނު ހާބަރުގެ ސަރަހައްދުގައި ބަހައްޓާފައި ހުރި ވެހިކަލްތައް ނަގުމަށް ހައުސިން މިނިސްޓްރީ އިން އެންގުމާ އެކު އެސަރަހައްދު ސާފުކޮށްލައިފި އެވެ.

މާލޭގެ ހުޅަގު ދެކުނު ހާބަރުގައި ސައިބޯން އާންމުކޮށް މީހުންދާ ކަނޑަތަކާ ދިދާލު ހުސްބިމުގައި ޕާކުކޮށްފައި ހުރި، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ވެހިކަލްތައް ނަގަން އަނގުމުން އެ ސަރަހައްދު މިހާރު ވަނީ އެއްކޮށް ސާފުކޮށްފަ އެވެ.

ގޮނޑެއްހެން އޮތް އެ ސަރަހައްދު ސާފު ކުރުމަށް ސިޓީ ކައުންސިލުން ވެސް ކުރިން މަސައްކަތް ކުރި އެވެ. ނަމަވެސް އެފަހަރު އެކަން ވަނީ ކާމިޔާބްވާގޮތްނުވެފަ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ބިންތައް އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް އަމަލީ މަސައްކަތް ފެށުނުތާ ކުޑަ ދުވަސްކޮޅެއްވެފައިވާ އިރު މާލޭ ސާފުކުރުމަށް ބޮޑު އިސްކަމެއްދެއްވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް އިސްކަމެއް އެބަދެން މާލޭގެ ހުރިހާ ސަރަހައްދެއް ސާފުތާހިރުކަމާ އެކު ބެލެހެއްޓުމަށް. މިމަހުން ފެށިގެން މުޅި މާލޭގެ ހުރިހާ ސަރަހައްދެއް މިނިސްޓްރީގެ މުއައްޒިފުން ސާފު ކުރަމުންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާތަނަށް އެންމެ ހިތްހަމަ ޖެހޭ ފެންވަރަށް މާލެ ސާފު ކުރުމުގެ މަސައްކަތް ކުރިއަށް އަދި ނުގެންދެވޭ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ވަރަށް ގިނަ ކަންކަން ރަނގަޅުކޮށް މަގުތަކުގެ ސާފުތާހިރުވުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މާރުކޭޓުތައް ފަދަ ގޮނޑު ސަރަހައްދުތައް ވެސް ސާފު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.