04 Feb 2015, 10:38
ޅ. ހިންނަވަރުގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންްޏެވެ. ފުލުހުން ބުނީ އޭނާގެ ބަންދަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ހިންނަވަރު ކައުންސިލްގެ ރައީސް އާދަމް ޔޫސުފް ވިދާޅުވި ގޮތުގައި 20 އަހަރުގެ އަންހެން މީހާ ހައްޔަރު ކުރިއިރު އޭނާ އިނީ ބަލިވެ އެވެ. އަދި މިހާރު އަންހެން މީހާގެ ބަނޑަށް ހަތަރު މަސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އަންހެން މީހާ ބަނޑުބޮޑުވިއިރު އުޅެނީ މީހަކާ އިނދެގެން ނޫން ކަމަށާއި ނަމަވެސް މީގެ ކުރިން މީހަކާ އިނދެ، ދެ އަހަރަށް ދާ އަންހެން ކުއްޖަކު ލިބިފައި ހުރި ކަމަށެވެ.
ޖިސްމާނީ އަނިޔާ ލިބެމުންދިޔަ ފިރިހެން ކުއްޖާއަކީ ހައްޔަރު ކުރި އަންހެން މީހާއާ އާއިލީ ގޮތުން އެއްވެސް ގުޅުމެއް ނެތް ކުއްޖެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ. ނަމަވެސް އެ އަންހެން މީހާއާ އެކުއްޖާ ހަވާލުކޮށްފައިވަނީ ކިހިނެތް ކަމެއް ސާފެއްނުވެ އެވެ.