04 Feb 2015, 10:35
އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަސީރު ކޮށްފައިވާ އުރުދުންގެ ޕައިލެޓް މުޢާޛުލްކަސާސިބާ ދިރިހުއްޓައި އަންދާލައިގެން މަރާލާފައި ވާތީ، އުރުދުންގެ ޖަލުގައި ހައްޔަރުކޮށްފައި އިން އައިއެސްގެ ހަނގުރާމަވެރިޔާ، ސާޖިދާ އަލް ރިޝާވީއާއި އިތުރު ހަނގުރާމަވެރިއަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
އުރުދުންގައި "އަމިއްލަ ނަފުސު ގޮއްވާލައިގެން" ހަމަލާއެއް ދޭން އުޅެ ނާކާމިޔާބުވި ސާޖިދާ އާއި އަލް ގައިދާއަށް ނިސްބަތްވާ ޒިޔާދު ކަރްބަލީ، ދަންޖައްސައިގެން މަރާލާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް އުރުދުންގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނެ އެވެ.
އައިއެސްގެ ދެ ހަނގުރާމަވެރިން ދަންޖާސާފައި މިވަނީ، މުޢާޛުލްކަސާސިބާ އަނިޔާވެރިގޮތަކަށް ދިރިހުއްޓައި އަންދާލައިގެން މަރާލި ހާދިސާ ހިންގާފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އައިއެސްއިން އޮންލައިން ކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ.
އުރުދުންގެ ޕައިލެޓް އައިއެސް ހަނގުރާމަވެރީންގެ އަތްދަށަށް ދިޔައީ، އައިއެސްއާ ދެކޮޅަށް ސޫރިޔާގައި ހިންގި މިޝަނެއްގައި އޭނާ ދުއްވި ބޯޓު ހަނގުރާމަވެރީންގެ ހަމަލާއެއްގައި ވެއްޓުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އުރުދުނުން ވަނީ، ކަސާސިބާ ސަލާމަތްކުރުމަށް ޓަކައި އޭނާގެ ބަދަލުގައި ރިޝާވީ ދޫކޮށްލާނޭ ކަމަށް ބުނެ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ރިޝާވީއަކީ، އުރުދުންގެ ވެރިރަށް ޢަންމާނުގައި 2005 ވަނަ އަހަރު ހަނގުރާމަވެރީން ހިންގި ގަތުލުއާމެއްގައި 60 މީހުން މަރުވި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހެކެވެ.
މުޢާޛުލްކަސާސިބާ ދިރިހުއްޓާ އަންދާލައިގެން މަރާލި ހިތާމަވެރި ޙާދިސާއާ ގުޅިގެން، އުރުދުންގެ އަބްދުﷲ ރަސްގެފާނު ވަނީ އެމެރިކާ އަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު، ކުރުކޮށްލެއްވުމަށް ފަހު ކުއްލި ގޮތަކަށް އެނބުރި ގައުމަށް ވަޑައިގެންފަ އެވެ.
ގައުމަށް އެނބުރި ވަޑައިގެން ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި އަބްދުﷲ ވިދާޅުވެފައި ވަނީ، އައިއެސްއިން ހިންގީ އިންސާނިއްޔަތުކަމެއް ނެތް ވަހުޝީ އަމަލެއް ކަމަށައި މުޢާޛަކީ އިސްލާމީ ޢަގީދާގެ ދިފާޢުގައާއި އުރުދުންގެ ރައްޔިތުންގެ ދިފާޢުގައި ޝަހީދުވި ބަތަލެއް ކަމުގަ އެވެ.