04 Feb 2015, 10:32
ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބްގެ ކެޕްޓަންކަން އަދާކުރަމުން ދިޔަ އެ ޓީމްގެ ގޯލްކީޕަރު އިމްރާން މުހައްމަދު އެ ކްލަބް ދޫކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވުމުން، މިދިޔަ މަހު އެ ކްލަބުގެ ކެޕްޓަނަކަށް ހަމަޖެއްސި މުހައްމަދު އުމެއިރުގެ އެއްބަސްވުން އުވާލައި ނިއުއިން އޭނާ ދޫކޮށްލައިފި އެވެ.
އުމެއިރުގެ އެއްބަސްވުން އުވާލައި ނިއުއިން އޭނާ ދޫކޮށްލާފައި ވާކަން އެ ކްލަބުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވަނީ ޔަގީން ކޮށްދީފައެވެ. އެ ކްލަބުން ބުނީ އޭނާގެ އެއްބަސްވުން އުވާލީ ދެ ފަރާތުގެވެސް އެއްބަސްވުމާއި އެކު ކަމަށާއި، އެ ކްލަބުގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އެ ކްލަބަށް ކޮށްދިން ހިދުމަތުގެ އަގުވަޒަން ކުރާ ކަމަށެވެ.
ނިއުއިން އުމެއިރު ދޫކޮށްލަން ނިންމީ ކީއްވެކަން އެއްވެސް ފަރާތަކުން ޔަގީންކޮށްދީފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ޕީޕަލްސް ކަޕް ނިމުނުއިރު ނިއު ދޫކޮށް މާޒިޔާއަށް ބަދަލުވުމަށް އުމެއިރު ނިއުގެ މެނޭޖްމަންޓުގެ ފަރާތުން އެދިފައި ވާކަމަށާއި، އޭނާ ކްލަބު ދޫކޮށްލަން ގަސްދުކުރީ ކްލަބުގެ ސަޕޯޓަރުންނާއި އޭނާއާ މެދު މައްސަލަ ޖެހުމުން ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ހަބަރު ފަތުރާފައެވެ.
ވޭތުވެދިޔަ ތިން ސީޒަންވެސް ނިއުގައި ހޭދަކުރި އުމެއިރު ވަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކައި، އެ ކްލަބަށް ގިނާ ކާމިޔާބީތަކެއް ހޯދަން އެހީތެރި ވެދީފައެވެ. އެގޮތުން މިދިޔަ ސީޒަންގެ ޕްރެޒިޑެންޓްސް ކަޕާއި ދިވެހި ލީގު މިލްކު ކުރުމުގެ އިތުރުން، އޭނާ ވަނީ 2013 ވަނަ އަހަރުވެސް އެ ކްލަބަށް ކާމިޔާބީތަކެއް ހޯދަން އެހީތެރި ވެދީފައެވެ.
ރާއްޖޭގެ ގައުމީ ޓީމްގައިވެސް ކުޅެމުން އަންނަ އުމެއިރު އޭނާގެ ކެރިއާ ފަށާފައި ވަނީ 2006 ވަނަ އަހަރު ވިކްޓްރީން ނެވެ. އޭގެ އިތުރުން އޭނާ ވަނީ މީގެ ކުރިން ވީބީ އާއި މާޒިޔާއަށްވެސް ކުޅެފައެވެ.