އެއީ ގުދުރަތީ ރީތި އަޖައިބެކެވެ. މަލަމަތި ފެހި ގުދުރަތީ ރަށެކެވެ. ގުދުރަތީ ރީތި މިސާލެކެވެ. ހިތްފަސޭހަ ނަލަ ރަށެކެވެ. މިއީ ކޮންމެ މީހަކު ވެސް ޏ. ފުވައްމުލަކު ސިފަ ކުރާނެގޮތެވެ. "އޭ ހަމަ އަޖާއިބު ވޭ ފަދަ ރިވެތިކަމެއް" ކަމަށެވެ. އެނަލަ ރީތި ރަށުގެ ރީތި ފުރިހަމަ ކަމުގެ ވާހަކަ ދައްކާއިރު ނުދައްކާ ބޮޑު ވާހަކައެއް އެބައޮތެވެ. އެއީ އެ ރަށަށް ލިބިފައިވާ އުނިކަމުގެ ވާހަކަ އެވެ.

"ބޮޑޮ ޝަކޮވާއެއް"ގެ ވާހަކައެވެ. ގުދުރަތީ އެންމެ މުހިއްމު ވަސީލަތްކަމުގައިވާ ސާފު ފެނުން މަހުރޫމްވުމެވެ. އެނަލަ ރަށުން މީރު ފެން ފޮދެއް ނުލިބޭތާ އެތައް ޒަމާނެކެވެ.

"ފެން ވަރަށް ސަކަރާތް. މާލޭގައި އުޅެފައި ރަށަށް ދަނިކޮށް ވެސް ހިތަށް އަރާ ކީއްބާއޭ ކުރާނީ. ވަރަށް ނުބައިވަސް ވެސް ހުރޭ. ފެން ވަރަށް ބޮޑަށް ތަޣައްޔަރުވެފައި ވަނީ،" ފުވައްމުލަކު ޒުވާން ޖިންސުއްލަތީފަކު ބުންޏެވެ.

އެ ނަލަ ރަށުން، ރަށްފުށުން ލިބޭ އެންމެ ބޮޑު އެއް އުފާކަމުގައިވާ މީރު ފެނުން ފެންވަރާލުމުގެ ނަސީބުން ވަނީ މަހުރޫމްވެފަ އެވެ. ފުވައްމުލަކު ގިނަ ރައްޔިތުންގެ ވާހަކަތަކުން އެނގޭ ގޮތުގައި އެ ރަށުގެ ބޮޑު ބަޔަކަށް ވަނީ ފެން ބޭނުން ނުކުރެވޭ ހިސާބަށް ވުރެ ބޮޑަށް ފެން ތަޣައްޔަރުވެފަ އެވެ. ނަރުދަމާ ޔަގީން ކުރަން ބޭނުންވެފަ އެވެ. ރަށުގެ ބައެއް ހިސާބުތަކުގައި އެއްގޮތަކަށް ވެސް ފެން ބޭނުންކުރެވޭ ވަރެއް ނޫނެވެ. ފެނުގެ ވަހާއި ކުލަ ހަޑިވެ މުޅިން ތަޣައްޔަރުވެފަ އެވެ. މިހާރު ގިނަ ގޭގޭގައި ފެން ބޭނުން ކުރަނީ "އޮކްސިޖަން" ޕަންޕު ފަދަ ވަސީލަތްތައް ބޭނުންކޮށްގެނެވެ.

ފުވައްމުލަކު އޮޅު އަލަދަނޑެއް: ފުވައްމުލަށް ފޭސްބުކް ޕޭޖް

ފުވައްމުލަކަކީ އާބާދީގައި 12،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ އަދި 8579 މީހުން ދިރިއުޅޭ ރަށަކަށްވާއިރު 13،00 އަށްވުރެ ގިނަ ގޭބިސީތަކުގައި މީހުން ދިރިއުޅެ އެވެ. ގިނަ ބަޔަކު ދިރިއުޅޭ އެ ރަށުގައި ބިމަށް ނަޖިސް ހިންދަން ޖެހުމުން އެމައްސަލަތައް ދިމާވާނެ އެވެ. ޗަސްބިން ގިނަ ފެންތިލަ އެއޮއްބޮޑު އާބާދީއަށް ފެން ފަދަ އެންމެ އަސާސީ ހިދުމަތަކަށް ބޮޑެތި ދަތިތަކެއް ދިމާވެފައިވާތާ މިހާރަށް މި ވަނީ 10 ވަރަކަށް އަހަރުވެފަ އެވެ.

މީގެ އިތުރުން ނަރުދަމަ އާއި ފެނުގެ ނިޒާމެއް ނެތުމަކީ އެ ރަށުގެ ތަރައްގީއަށް އެޅިފައިވާ ބޮޑު ހުރަހެކެވެ. މަގުތައް ތަރައްގީ ކުރެވެން އޮތީ ނަރުދަމާ ހޮޅި ވަޅުލެވިގެންނެވެ. ލޯކަލް ޓޫރިޒަމް ބާރު ސްޕީޑެއްގައި ކުރި އަރަމުން އަންނައިރު އެކަމަށް ވެސް ހިނިތުންވުމެއް އޮތީ މިކަން ކުރެވިގެންނެވެ.

މި ކަން މިގޮތަށް އޮތްއިރު އެ ރަށުގެ ނަރުދަމާގެ މަސައްކަތް ހައްލު ކުރަން ކަމަށް ބުނެ މީގެ ކުރިން ވެސް ވަނީ ގިނަ މަންޒަރުތަކެއް ދައްކާފަ އެވެ. އުންމީދުން ފޮނި ވާހަކަތައް ދެކެވިފަ އެވެ. ކުރެވުނު ސޮއިތަކަކުން ވީކަމެއް އަދި ނެތެވެ. ފުވައްމުލަކުގެ ނަރުދަމާގެ މަސައްކަތް އެންމެ ބޮޑަށް ދެކެވެން ފެށީ 2006 ވަނަ އަހަރު އެވެ. އެކަން އެ ފަހަރު ކުރަން އުޅުނީ އޭޑީބީގެ އެހީތެރިކަމާއެކު އެވެ. އެފަހަރު ހަމަޖެއްސީ ހަމައެކަނި ނަރުދަމާ ނިޒާމެއް ގާއިމް ކުރާގޮތަށެވެ. އެކަމަށް ސާވޭގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ބައެއް ސަބަބުތަކަށް އެ ފަހަރަށް އެކަން ލަސްވީ އެވެ. އެ އަށް ފަހު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެ ނަރުދަމާގެ ވާހަކަ ދެކެވުނު ނަމަވެސް ޖެހުނު "ކުނި" ތަކެއްގެ ސަބަބުން މަސައްކަތް ހުއްޓުނީ އެވެ. އޭގެ ފަހުން ވެސް ހަމަ އެ ނަރުދަމާގެ މަސައްކަތްތަކުގެ ވާހަކަތައް ދެކެވުނެވެ. އަނެއްކާ ވެސް މި ވަނީ ހަމަ އެވާހަކަތަކުގެ ވާހަކަދެކެވި ސޮއިތައް ކުރަން ފަށާފަ އެވެ.

ފުވައްމުލަކުގައި ގާއިމްކުރާ ފެނާއި ނަރުދަމާގެ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ކުރަން އެ މަސައްކަތް ބެލެހެއްޓުމަށް ބަޔަކާ އިއްޔެ މި ވަނީ ހަވާލުކޮށްފަ އެވެ. ފެނާއި ނަރުދަމާގެ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ބެލެހެއްޓުމަށް 6.4 މިިލިއަން ރުފިޔާ އަށް ހަވާލު ކުރީ ރިޔަން ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތު ލަމާ ގްރޫޕާ އެވެ. އެ ޕްރޮޖެކްޓުގެ ޑިޒައިން ކުރުމުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވާ އިރު، މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ.

އެ ނިޒާމަކީ ކުވެއިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯން އެހީގެ ދަށުން 174 މިލިއަން ރުފިޔާ އާއި ސަރުކާރުގެ ބަޖެޓުން 57 މިލިއަން ރުފިޔާއާ އެކު ޖުމްލަ 231 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރާ ނިޒާމެކެވެ. މިހަބަރާއެކު ވެސް ފުވައްމުލަކު ރައްޔިތުން ބުނަމުން ދަނީ "މީގެ ކުރިންވެސް ކަޑަ ޖެހި" ކަމަށެވެ. ބައެއް ރައްޔިތުންގެ ރާގު ހުރީ މާޔޫސްކަންމަތީ އެވެ.
ފުވައްމުލަކު-- ފޮޓޯ: ފުވައްމުލަކު ފޭސްބުކް ޕޭޖް

އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަސާސީ ހިދުމަތްތައް ބޭނުންވާ ރަށްތަކަށް އަމާޒުކޮށް ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވީހާ ވެސް ގިނަ ޕްރޮޖެކްޓްތަކެއް ހިންގުން ކަމަށެވެ.

ހަމައެކަނި މިނިސްޓަރެއް ނޫނެވެ. ފުވައްމުލަށް ތަމްސީލްކޮށްދެއްވާ އެހެން ފަރާތްތަކުން ވެސް ދަނީ ހަމަ އެ ޔަގީންކަން ދެމުންނެވެ. އެ ގޮތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވާ ގޮތުގައި "ފައިސާ ވަނީ ހަމަޖެހިފައި، ސަރުކާރުންނާއި މަޖިލީހުން ކުރަން ޖެހޭ ކަންކަން ކޮށް ނަރުދަމާގެ ކަންކަން މިއޮތީ ހަމަޖެހިފައި" ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި މިފަހަރު މިއީ އެރަށުގައި ނަރުދަމާ ގާއިމް ކުރާނެ ފަހަރެކެވެ. މިފަހަރު އެކަން ހުއްޓުމެއް ނެތް ކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް އޭނާ ދެއްވަ އެވެ.

އެހާބޮޑު އާބާދީއަކަށް ދިމާވެފައިވާ އެފަދަ އަސާސީ ހިދުމަތަކުން މަހުރޫމްވުމުގެ މައސަލައަށް ކަމާ ބެހޭ ފަރާތްތަކުން އަވަސް ހައްލެއް ގަންނަން ޖެހެ އެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. ކަޑަތައް ޖެހުމުގެ ބަދަލުގައި އަވަސް ހައްލެއް ނުގެނެސްފި ނަމަ އެ ނަލަނަލަ ފުވައްމުލަކުގެ މުސްތަގުބަލަށް އެޅޭނީ ކަޅު ހިޔަންޏެކެވެ.

އާނއެކެވެ. ހިތްހަމަޖެހޭ ވަރަށް ފެންވަރާނުލެވި ރީތި ފެންފޮދަކުން އެއްޗެހި ނުދޮވެ އުޅުނު ދުވަހަކީ މާޒީއަށް ހަދައި މީރު ފެން ފޮދެއްގެ އުންމީދަށް ގުދުރަތީ ރީތި ފުވައްމުލަކުގެ ރައްޔިތުންނަށް މި ވަނީ ޔަގީންކަން ލިބިފަ އެވެ. މީރު ފެން ބޭނުން ކުރުމާއި ނަރުދަމާގެ ނިޒާމުގެ ޔަގީންކަން ލިބުމުގެ އިޝާރާތްތައް މިވަނީ ލިބިފަ އެވެ. ފުވައްމުލަކުގެ ރަސްމީ ބަހުން ބުނާނަމަ "މިކަލް ނަރޮދަމާ އެޑަންނާ" އެވެ.