04 Feb 2015, 09:38
މޮންޓްރިޔާލް (ފެބްރުއަރީ 4): ކެނެޑާގެ ޚާރިޖީ ވަޒީރު ޖޯން ބާޑް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އުމުރުން 45 އަހަރުގެ ބާޑް އަކީ ކެނެޑާގެ ބޮޑުވަޒީރު ސްޓީވަން ހާޕާގެ ސަރުކާރުގެ ވަރަށް މުހިއްމު ޝަޚްސިއްޔަތެއް ނަމަވެސް މިފަހަކަށް އައިސް ހާޕާއާ އޭނާގެ ގުޅުންތައް ގޯސްވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން އިޢުލާން ކުރައްވަމުން ކެނެޑާގެ ޚާރިޖީ ވަޒީރު ޖޯން ބާޑް ވިދާޅުވީ، ސިޔާސީ ކަންކަމުގައި 20 އަހަރު ހޭދަކުރެވިއްޖެ ކަމަށާއި ދެން ބޭނުންވަނީ ޙަޔާތުގެ އެހެން މަރްޙަލާއެއް ފަށަންކަމުގައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ބާޑް ވަނީ ކުރިޔަށްއޮތް ދެތިން ހަފްތާތެރޭގައި ޕާލަމެންޓްގެ މެންބަރުކަމުންވެސް އިސްތިއުފާ ދެއްވާނެކަން ހާމަކުރައްވާފައެވެ.
ބާޑް ވިދާޅުވީ، އިސްތިއުފާ އިޢުލާން ކުރެއްވުމުގެ ކުރިން ބޮޑުވަޒީރު ސްޓީވަން ހާޕާއަށް ފޯނުން ގުޅުއްވައި އެވާހަކަ ދެންނެވި ކަމުގައެވެ.
ހާޕާވަނީ ބާޑްގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންނެވި ކަމާއި އިސްތިއުފާ ގަބޫލުކުރެއްވިކަން ހާމަކުރައްވާފައެވެ. ހާޕާ ވިދާޅުވީ ބާޑްއަކީ އޭނާގެ ސަރުކާރަށް ވަރަށް މުހިއްމު ބޭފުޅެއް ކަމަށާއި އިސްތިއުފާ ގަބޫލުކުރެއްވީ ހިތާ ދެކޮޅަށް ކަމުގައެވެ.
ކެނެޑާގެ އާންމު އިންތިޚާބު މިއަހަރުގެ އޮކްޓޯބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ބާޑް ފަދަ ޕާޓީއަށް މުހިއްމު ބޭފުޅަކު މަގާމުން އިސްތިއުފާ ދެއްވުމުގެ އިތުރުން ސިޔާސީ މައިދާނާ ދުރަށްދިޔުމަކީ ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީއަށް ކުރިމަތިވާނެ ގޮންޖެހުމެއްކަމަށް މުރާސިލުން ސިފަކުރެއެވެ. 2006 ވަނަ އަހަރު ކެނެޑާގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ވެރިކަމަށްއައި ކޮންޒަވެޓިވް ޕާޓީގެ ވެރިކަމުގެ އިސް ސަފުގައި ބާޑް އުޅުއްވާތާ 9 ވަރަކަށް އަހަރުވަނީ ވެފައެވެ.
ކެނެޑާގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީއަކީ ހުޅަނގުގައި ހަރަކާތްތެރިވާ ޒަޔަނިސްޓް ޖަމާއަތްތަކާ ގުޅުންބޮޑު ޕާޓީއެކެވެ. އަދި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި ހުޅަނގުގެ ލެބެރަލް ފިކުރާއި ގޮތްތައް އެހެންގައުމުތަކަށް އެކްސްޕޯޓްކޮށް ފެތުރުމަށްވެސް އެޕާޓީ އިސްކަންދެއެވެ. (އަލްޖަޒީރާ)