04 Feb 2015, 09:33
އަންމާން (ފެބްރުއަރީ 4): އައިއެސްއިން އަސީރު ކޮށްފައިވާ އުރުދުންގެ ޕައިލެޓް މުޢާޛުލްކަސާސިބާ ދިރިހުއްޓާ އަންދާލައިގެން މަރާލި ހިތާމަވެރި ޙާދިސާއާ ގުޅިގެން، އުރުދުންގެ އަބްދުﷲ ރަސްގެފާނު އެމެރިކާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު، ކުރުކޮށްލެއްވުމަށްފަހު ކުއްލި ގޮތަކަށް އެނބުރި ގައުމަށް ވަޑައިގެންފި އެވެ.
ގައުމަށް އެނބުރި ވަޑައިގެން ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި އަބްދުﷲ ވިދާޅުވީ، އައިއެސްއިން ހިންގީ އިންސާނިއްޔަތުކަމެއް ނެތް ވަހުޝީ އަމަލެއްކަމަށައި މުޢާޛަކީ އިސްލާމީ ޢަގީދާގެ ދިފާޢުގައާއި އުރުދުންގެ ރައްޔިތުންގެ ދިފާޢުގައި ޝަހީދުވި ބަތަލެއް ކަމުގައެވެ.
މީގެއިތުރުން އޭނާގެ އާއިލާއަށް ތަޢްޒިޔާ ވިދާޅުވެ އެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށްވެސް އަބްދުﷲ ރަސްގެފާނު ދުޢާ ކުރެއްވިއެވެ.
އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެން އުޅޭ ހަރުކަށި އައިއެސް ޖަމާއަތުން އަސީރު ކޮށްފައިވާ އުރުދުންގެ ޕައިލެޓް މުޢާޛުލްކަސާސިބާ ދިރިހުއްޓައި އަންދާލައިގެން މަރާލުމުން އެ ޖަމާއަތާ ދެކޮޅަށް ގިސާސް ހިފާނެކަމަށް އުރުދުންގެ ސިފައިން ވަނީ ބުނެފައެވެ.
އުރުދުންގެ ސިފައިންގެ ތަރްޖަމާން ކާނަލް މަމްދޫޙް އަލްޢާމިރީ ވިދާޅުވީ މުޢާޛު ދިރިހުއްޓައި އަންދާލި އައިއެސްގެ އަނިޔާވެރިންގެ ކިބައިންގެ ގިސާސް ހިފާނެ ކަމަށާއި މުއާޒަކީ ޝަހީދެއްކަމުގަ އެވެ. އައިއެސްއިން އަސީރު ކޮށްފައިވާ އުރުދުންގެ އަސްކަރީ ޕައިލެޓް މުޢާޛުލްކަސާސިބާ ދިރިހުއްޓައި އަންދާލައިގެން މަރާލި މަންޒަރު ދައްކައިދޭ ވީޑިޔޯއެއް އެޖަމާއަތުން އިންޓަނެޓްގައި ޝާއިޢު ކުރުމާގުޅިގެން އޭނާގެ އާއިލާވަނީ ފުންހިތާމައެއްގެ ތެރެއަށް ވެއްޓިފައެވެ. މުޢާޛުގެ މަންމަ ޚަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ބައްޕަވެސްވަނީ އެފަދަ ޙާލަތެއްގައެވެ.
އައިއެސްއިން އާންމުކުރި ވީޑިޔޯއިން ފެންނަނީ އެޖަމާއަތުގެ ހަނގުރާމަވެރިން މުޢާޛު ވަށާލައިގެންތިބެ ދަގަނޑުން ހަދާފައިވާ ކޮށްޓަކަށް އޭނާ ވެއްދުމަށްފަހު އޭނާގެ ހަށިގަނޑުގައި އަލިފާންޖަހައި އަންދާލާ މަންޒަރެވެ. އަލިފާނުން މެރުމަށްޓަކައި މުޢާޛު މިކޮށްޓަށް ވައްދާފައިވަނީ އޮރެންޖް ކުލައިގެ ހެދުމެއްގައެވެ. މި ވީޑިޔޯގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު އުރުދުންގެ ސަރުކާރުންވަނީ ރަސްމީ ސިފައެއްގައި މުޢާޛުގެ އާއިލާއަށް ތަޢުޒިޔާ ކިޔައި އެ ޢާއިލާގެ ހިތާމައިގައި އުރުދުންގެ ސަރުކާރާއި ދައުލަތް ބައިވެރިވާކަން ހާމަކޮށްފައެވެ. އައިއެސް އިން ހިންގި މިޖަރީމާއާ ގުޅިގެން އުރުދުންގެ އިސްލާމީކަންތައްތަކާ އަދި އަވްގާފާބެހޭ ވަޒީރު ވަނީ އެއްވެސް އިންސާނަކު ދިރިހުއްޓައި އަލިފާނަށް ލައިގެން މެރުމަކީ މާތްވެގެންވާ އިސްލާމްދީން ހުއްދަކުރާކަމެއް ނޫންކަމާއި އައިއެސްއަކީ އިސްލާމް ދީނުގެ ނަން ހުތުރުކުރުމަށް މަސައްކަތްކުރާ ތާޣޫތުންގެ ޖަމާއަތެއް ކަމަށް ސިފަކުރައްވާފައެވެ.
އަސީރުންނާއި ރަހީނުން މެރުމުގައި އައިއެސްއިން މިފަދަ އަނިޔާވެރި ގޮތްތައް ބޭނުންކުރަނީ އެޖަމާއަތްދެކެ އެހެން މީހުން ބިރުގެންނެވުމުގެ މަގްސަދްގައި ކަމަށާއި އައިއެސްގެ ހަޑިހުތުރު އަމަލުތަކާއި އިސްލާމް ދީނާ ގުޅުންނުވާ ކަމަށްވެސް އުރުދުންގެ އަވްގާފާބެހޭ ވަޒީރު ވިދާޅުވި އެވެ.
އުރުދުންގެ އެންމެ ބޮޑު އިސްލާމީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުންވެސްވަނީ އައިއެސް ޖަމާއަތަކީ އަސީރުންގެ ހައްގުތަކާބެހޭ އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފަށް އަމަލު ކުރަމުންގެންދާ ތާޣޫތުންގެ ޖަމާއަތެއް ކަމަށް ސިފަކޮށްފައެވެ. އަދި އިޚްވާން ޖަމާއަތުންވަނީ އައިއެސްއިން މަރާލި މުއާޛުލްކަސާސިބާގެ އާއިލާއާއި އުރުދުންގެ ރައްޔިތުންނާ އެކުގައިކަންވެސް ބަޔާންކުރާ ބަޔާނެއް ނެރެފައެވެ.
އައިއެސްއިން ގެންގުޅޭ އާދަޔާ ޚިލާފު އަނިޔާވެރިކަމުގެ ސަބަބުން، އެޖަމާއަތަށް ތާއީދުކުރާ ފަރާތްތައްވެސް އެޖަމާއަތާ މިހާރު ދުރަށްދާން ފަށާފައިވާ ކަމަށް އަލްޖަޒީރާ ބުނެއެވެ. އައިއެސްއިން ދާދިފަހުންވަނީ އެޖަމާއަތުން ވަގަށްނެގި ޖަޕާނުގެ ދެމީހުންވެސް ވަޅިއަކުން ކަތިލާލައިގެން މަރާލާފައެވެ. (އަލްޖަޒީރާ)