04 Feb 2015, 03:53
މާލޭގައި މިރޭ ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެ މާރާމާރީގައި ހިނގީ ރާނބާ ރެސްޓޯރެންޓު ހުންނަ ޝަހީދު އަލީ ހިނގުމުގައި ހުރި ހޮޓަލެއް ކައިރީގައި ކަމަށެވެ. މާރާމާރީ ހިންގާފައި ވަނީ ހަތަރު ސައިކަލެއްގައި އައި ގުރޫޕަކުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ މާރާމާރީގައި ޒަހަމްވީ އުމުރުން 21 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕޮޓަލަށް ގެންދިއުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.