03 Feb 2015, 22:33
ސޫރިޔާއަށް ބޮން އަޅަން އުޅުނު އުރުދުންގެ މަތިންދާބޯޓެއް ވައްޓައިލުމަށް ފަހު އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރަހީނުކޮށްފައިވާ އުރުދުންގެ އަސްކަރީ ޕައިލެޓް ލެފްޓިނެންޓް މުޢާޒު އަލްކަބާބިސާ ދިރިހުއްޓައި އަންދާލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. މީޑިއާ ރިޕޯޓްތައް ބުނަނީ ޕައިލެޓް އަންދާލާފައި ވަނީ ދަގަނޑު ކޮއްޓަކަށް ލުމަށް ފަހު ހަމަށެވެ.
އަލްކަބާބިސާ އަންދާލުމުގެ ކުރިން، އައިއެސް އިން ވަނީ އުރުދުންގެ ޖަލުގައި ހައްޔަރުކޮށްފައި އިން އިރާގުގެ މިލިޓަންޓް އަންހެން ހަނގުރާމަވެރިޔާ، ސާޖިދާ އަލް ރިޝާވީ މިނިވަން ކުރުމަށް ގޮވާލައިފަ އެވެ. އަދި އެކަމަށް އައިއެސް އިން މުއްދަތު ވެސް އިތުރުކޮށްދިނެވެ.
ނަމަވެސް އަލްކަބާބިސާ ދުނިޔޭގައި ހުރިކަން ނުވަތަ ނޫންކަން ކަށަވަރު ނުކޮށްދެނީސް އެކަން ނުކުރާން އުރުދުން އިން ދެކޮޅު ހެދި އެވެ.

އުމުރުން 26 އަހަރުގެ ފަސްޓް ލެފްޓިނެންޓް އަލްކަބާބިސާ އައިއެސް އިން އަސީރުކޮށްފައި ވަނީ އައިއެސްއާ ހަނގުރާމަ ކުރަމުންދަނިކޮށް، އޭނާ ދުއްވަން އިން އުރުދުންގެ އެފް-16 ފައިޓަ ޖެޓެއް އައިއެސް އިން މިދިޔަ ޑިސެމްބަރު މަހު ވައްޓާލުމަށް ފަހު އެވެ.
އުރުދުންގެ ޕައިލެޓް އަންދާލާފައިވާ އިރު، އައިއެސް ޖަމާއަތުން ވަނީ އެޖަމާއަތުން ރަހީނުކުރި ޖަޕާނުގެ ރައްޔިތެއް ކަމަށްވާ ކިންޖީ ގޮތޫގެ ކަރު ބުރިކޮށްލާ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.
ރޮއިޓާސްއާ ހަވާލާދީ ބީބީސީ އިން މިރޭ ބުނީ ޕައިލެޓް މަރާލާފައިވާކަން އުރުދުންގެ އަަސްކަރިއްޔާ އިން އާއިލާ އަށް އަންގާފައިވާ ކަމަށެވެ.