03 Feb 2015, 22:25
ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ޑިރެކްޓަރު ޖެނެރަލަށް ވުރެ މަތީ މަގާމުތަކަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ލަފާގެމަތިން އައްޔަން ކުރަންޖެހޭ މަގާމުތަކެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
އެގޮތަށް ހަމަޖައްސާފައި ވަނީ ސުޕްރީމް ކޯޓުން މިއަދު ނެރުނު ޝަރުއީ ދާއިރާގެ އެންމެ އިސް މަގާމުތަކަށް މީހުން އަމަލުކުރުމާ ބެހޭ އުސޫލުގަ އެވެ.
އެ އުސޫލުގައިވާ ގޮތުން އެފަދަ މަގާމުތަކަށް މީހުން އައްޔަން ކުރާއިރު ހަ ކަމަކަށް ރިއާޔަތް ކުރަންޖެހެ އެވެ. އެގޮތުން އެފަދަ މަގާމަކަށް ކުރިމަތިލާފައިވާ މީހަކީ ސަރުކާރުން ގަބޫލުކުރާ ޔުނިވާސިޓީއެއްގައި ތައުލީމް ހާސިލުކޮށް ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވޭތޯ ބަލަންޖެހޭ ކަމަށް އެ އުސޫލުގައިވެ އެވެ.
ސަރުކާރުގައި ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ބައިނަލް އަގުވާމީ ފެންވަރުގެ ޖަމްއިއްޔާ ޖަމާއަތެއްގައި މަސައްކަތްކޮށް ތަޖުރިބާ ހާސިލުކޮށްފައިވުމާއެކު އެކަންކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އިންޓަވިއު ޕެނަލްގައި ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
ހަމައެހެންމެ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތައް އެނގޭކަން ވެސް އިންޓަވިއު ޕެނަލްގައި ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
މީގެއިތުރުން ދިވެހިބަހުގެ އިތުރުން އަރަބި ބަސް އަދި އިނގިރޭސި ބަސް ފަދަ ބޭރުގެ ބަހަކުން ފަރިތަކަމާއެކު މުއާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.