ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބަސާވަތަރަކަމް އިންޑޯ-އެމެރިކާ ކެންސާ ހޮސްޕިޓަލް އެންޑް ރިސާޗް އިންސްޓިޓިއުޓްއާއެކު އޭޑީކޭ ހޮސްޕިޓަލުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އޭޑިކޭ ފަރާތުން އެ އެއްބަސްވުމުގައި މިއަދު ސޮއި ކުރައްވާފައި ވަނީ އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓާ އަހުމަދު އަފްޢާލެވެ. އަދި އިންޑޯ-އެމެރިކާ ހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެ ހޮސްޕިޓަލްގެ ސީއީއޯ އެވެ.

ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ކަމަށް އޭޑީކޭ އިން ބުންޏެވެ. އެގޮތުން ކުރިއަށް އޮތް ދެ ދުވަހު ހިލޭ ކެންސަރު ސްކްރީން ކުރުމާއި ކޮންސަލްޓޭޝަން ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. ކެންސަރާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.

ކެންސަރު ދުވަހާ ގުޅިގެން މާދަމާ ހާއްސަ ހިނގާލުމެއް ބޭއްވުމަށް ހަމަޖައްސާފައިވާއިރު އެ ހިނގާލުމަށްފަހު ޔޯގާ ކަސްރަތު ކުރުން އޮންނާނެ ކަމަށް އޭޑީކޭ އިން ވަނީ ބުންޏެވެ.

އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަފްޢާލް ވިދާޅުވީ މިއަދު ސޮއި ކުރި އެމްއޯޔޫގެ ސަބަބުން މިހާތަނަށް ކެންސަރާ ގުޅިގެން ނުދެވި ހުރި ގިނަ ހިދުމަތްތަކެއް ދޭން ފަށާނެ ކަމަށެވެ.

"މި އެމްއޯޔޫގެ ސަބަބުން ކެންސަރާ ގުޅޭ ގޮތުން ނުދެވި ހުރި ވަރަށް ގިނަ ހިދުމަތްތަކެއް ދޭން ފެށޭނެ. އެހެން ކަމުން އަޅުގަނޑުމެންގެ އުއްމީދަކީ މި އެމްއޯޔޫ އާއެކު އައު ހިދުމަތްތަކެއް ތައާރަފް ކުރުން،" އޭނާ ވިދާޅުވި އެވެ.