މާލެ އަތޮޅު މަނިޔަފުށި ކައިރީ އޮތް ފަރަކަށް އެރި "ވީނަސް ބޯޓު" ފުން ކުރުމަށްފަހު ތިލަފުއްޓަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަދުނާނު މުހައްމަދު "ސަން" އަށް މިރޭ ވިދާޅުވީ "ވީނަސް ބޯޓު" ފުންކުރުމަށްފަހު ތިލަފުށްޓަށް ގެންގޮސްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

ވީނަސް ބޯޓު ފަރަށް އެރި އިރު އެ ބޯޓުގައި 24 މީހުން ތިއްބެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބަންގްލަދޭޝް މީހުން ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ހާދިސާގައި ބޯޓުގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ވީނަސް ބޯޓުގެ އިސްފަރާތެއް ކަމުގައި އަހުމަދު ހިޝާމް ބުނީ، ބޯޓުގެ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބޯޓު ހުއްޓުނު ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 10:00 އެހާކަންހާއިރު ކަމަށެވެ. އަދި ބޯޓު ފަރަށް އެރުމާ އެކު ބޯޓުގެ ބައެއް މީހުން ލައިފް ޖެކެޓް އަޅައިގެން މޫދަށް ފޭބި ކަމަށް ވެސް އޭނާ ބުންޏެވެ.