03 Feb 2015, 19:17
ރާއްޖޭގައި އުމުރުން 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް ރައީސް އަބްދުﷲ ޔާމީން ސިޓީފުޅެއް ފޮނުއްވަން ފައްޓަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް ދައުލަތުގެ ސިއްކަ ޖަހާފައިވާ ސިޓީފުޅެއް ރައީސް ޔާމީން ފޮނުއްވަން ފައްޓަވާފައި ވަނީ މި އަހަރު ފެށުނު އިރުގައި ކަމަށެވެ. މުއާޒު ވިދާޅުވީ އެ ސިޓީފުޅުގައި ބަހުރުވަ ބޭނުންކުރައްވާފައި ވަނީ ޒުވާނުންނާ ގުޅޭ ގޮތަށް ކަމަށެވެ.
"މި ސިޓީއަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އުމުރުން 18 އަހަރު ފުރޭ އެ ޒުވާނާއަށް ، ސީދާ އެ ޒުވާނާއަށް ލިބޭ ސިޓީއެއް. މިސިޓީ އެޑްރެސް ކުރައްވާފައި މިވަނީ އެ ޒުވާނާއަށް އަދި އެ ސިޓީގައި ރައީސް ޔާމީން ސޮއިކުރައްވާފައި ވާނެ އިނގޭތޯ،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް ރައީސް ޔާމީން ސިޓީފުޅެއް ފޮނުއްވަން ފެއްޓެވި މައިގަނޑު ސަބަބަކީ އެ ޒުވާނުންގެ ގައުމީ އަދި ދީނީ ވާޖިބާއި މަސްއޫލިއްޔަތު ހަނދުމަ ކޮށްދެއްވުމުގެ ގޮތުން ކަމަށެވެ.
"މި ސިޓީގައި ވާނީ އުމުރުން 18 އަހަރު ފުރޭ ފަރާތްތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިލްތިމާސެއް. މައިގަޑު ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވާފައި މިވަނީ އުމުރުން 18 އަހަރު ފުރުމާއި އެކީގައި އެކަމަށް ތަހުނިޔާ ވިދާޅުވެފައި ހަމައެއާއެކު ޒުވާނަކަށް ވުމުން އުފުއްލަވަން ޖެހޭ ދީނީ އަދި ގައުމީ ވާޖިބުތަކުގެ މަތިން ހަނދުމަފުޅުކޮށްދެއްވާފައި. އަދި މި ސަރުކާރުން ޒުވާނުންނަށް ފަހި ކޮށްދެއްވާފައި ހުރި ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ސީދާ އެމަނިކުފާނު [ރައީސް ޔާމިން] އެ ޒުވާނާއާ ހިއްސާކުރައްވާފައިވާނެ،" މުއާޒު ވިދާޅުވި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު 18 އަހަރު ފުރުން ޒުވާނަކަށް ރައީސް ޔާމީން ފޮނުއްވާފައި ސިޓީފުޅުގެ ކޮޕީއެއް "ސަން" އަށް ވެސް ވަނީ ލިބިފައި އެވެ.
އެ ސިޓީފުޅުގައި ގައުމީ ހިދުމަތަށް ބޭނުންވަނީ ހުނަރުވެރި ޒުވާނުން ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެމަނިކުފާނުގެ ޒައާމަތުގައި ޒުވާނުންގެ ދައުރު ފުޅާކޮށް ޒުވާނުންނަށް ފަހި އެތައް ފުރުސަތުތަކެއް ތަފާތު އެކި ރޮނގުތަކުން ފަހިކޮށްދެއްވާފައިވާނެ ކަން ސިޓީގައި ވަނީ ފާހަގަކުރައްވާފައި އެވެ.
"ކޮންމެ ފުރުސަތެއް ހުދު [ޒުވާނާގެ ނަން] ވެސް ވަނީ ފަހިވެފައި އެވެ. އަމިއްލަ މަސައްކަތުން ބާއްޖަވެރި އުފާވެރި ހަޔާތެއްގައި އުޅުއްވުމުގެ ފުރިހަމަ ޒިންމާ ނެންގެވުމަށް މިއަދު އަޅުގަނޑު ހިތްވަރު ދެމެވެ. ކުޑަކުއްޖެއްގެ އުޅުން ދޫކުރައްވާ ފުރިހަމަ ފިރިހެނެއްގެ އުޅުމާއި ވައްޓަފާޅިއަށް ބަދަލުވެވަޑައިގަތުމަށް އަވަސްވެވަޑައިގަންނަވާށެވެ. ޒިންމާދާރު ޒުވާނެއްގެ ވާޖިބު އަވަހަށް ފަށްޓަވާށެވެ." ރައީސް ޔާމީން ފޮނުއްވި ސިޓީފުޅުގައިވެ އެވެ.
ރައީސް ޔާމީން ކޮންމެ ޒުވާނަކަށް ސިޓީފުޅެއް ފޮނުއްވަން ފައްޓަވާފައިވާއިރު ރާއްޖޭގައި ފާހަގަކުރާ ގައުމީ އަދި ދީނީ މުނާސަބަތުތަކުގައި ރައްޔިތުންނަށް އެސްއެމްއެސް މެދުވެރިކޮށް އެމަނިކުފާނު ގެންދަވަނީ ތަހުނިޔާ ވިދާޅުވަމުން ނެވެ.