03 Feb 2015, 19:08
އުމުރުން ތިން އަހަރުގެ ދަރިފުޅު، މުހައްމަދު އިބްތިހާލު މަރާލި ކަމަށް ތުހުމަތު ކުރެވޭ މަންމަ، އާފިޔާ މުހައްމަދުގެ ދިފާއީ ވަކީލުކަމާ ކުރީގެ ޑެޕިއުޓީ ޕޮރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ހަވާލުވެވަޑައިގެންފި އެވެ. އިބްތިހާލުގެ މަންމަގެ ދިފާއީ ވަކީލުކަމާ ޝަމީމް ހަވާލުވެވަޑައިގެންނެވީ ހިލޭ ސާބަހަށެވެ.
~
ބަންޑާރަ ނައިބުގެ އޮފީހުގެ ލީގަލް ސެކްޓާ ރިސޯސް ސެންޓަރު (އެލްއެސްއާރްސީ) ލީގަލް ކޮންސަލްޓަންޓުގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ ޝަމީން "ސަން"އަށް މިއަދު ވިދާޅުވީ އިބްތިހާލުގެ މަންމަގެ ވަކީލަކަށް ވެވަޑައިގެންނެވީ އޭނާގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ހިންގުމަށް މަގުފަހި ކުރުމަށް ކަމަށެވެ. މީހަކު މަރާލި މީހެއްގެ މައްޗަށް ތުހުމަތުތަކެއް ކުރިއަސް، "އަވަހަށް ޝަރީއަތް ހިންގައި މަރާލައިގެން،" ނުވާނެ ކަމަށް ޝަމީން ވިދާޅުވި އެވެ.
"އޭނާ އެކަހަލަ ކަމެއް [ދަރިފުޅު މަރާލުން] ކޮށްފައި އޮތިއްޔާ އަޅުގަނޑު އޭނާގެ ވަކީލަކަށް ނުވާނަން. އެކަމަކު ވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންސާފުވެރި ޝަރީއަތެއް ކުރަންޖެހޭ،" ޝަމީން ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާއަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ އޭނާއަށް ދައުލަތުން ގާނޫނީ ވަކީލަކު އައްޔަންކޮށްދޭންވާނެ އެވެ.
އިބްތިހާލުގެ މަންމައަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސް ކަމެއް ނެތް މީހެކެވެ. ދައުލަތުން ވަކީލަކު އައްޔަން ކުރުމަށް އޭނާ ވަނީ އެދިފަ އެވެ. ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާ ވަކީލުންގެ ރަޖިސްޓްރީގައި ޝަމީމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ޝަމީމް ވިދާޅުވީ އިބްތިހާލުގެ މަންމަގެ ވަކީލަކަށް ވެވަޑައިގަތުމަށް ދައުވަތު ލިބުނީ ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ކަމަށެވެ.
"އަޅުގަނޑު ވަނީ އޭގައި ރަޖިސްޓްރީކޮށްފައި. އަޅުގަނޑު ރަޖިސްޓްރީކޮށްފައި އޮތުމުން އެ ބޭފުޅުން އަޅުގަނޑަށް ގުޅުއްވީމަ އަޅުގަނޑު އެކަން ގަބޫލުކުރީ،" ޝަމީމް ވިދާޅުވި އެވެ.
އާ ގާނޫނުލް އުގޫބާތަށް ފުލުހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތަށް ހދ. ކުޅުދުއްފުށްޓަށް ގޮސް ހުންނެވި ޝަމީން ވިދާޅުވީ ވަރަށް އަވަހަށް މާލެ ވަޑައިގެން އިބްތިހާލުގެ މަންމައާ ބައްދަލު ކުރައްވައި "ކޭސް ސްޓަޑީ" ކުރެއްވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި އިބްތިހާލުގެ މަރުގެ ތަހުގީގުގައި އުޅުއްވާ ފުލުހުންނަށް ގުޅުއްވައި ވާހަކަފުޅު ދައްކަވާފައިވާނެ ކަމަށް ވެސް ޝަމީން ވިދާޅުވި އެވެ.