އަންހެނުންގެ ރަހިމަށްޖެހޭ ކެންސަރަށް ޓެސްޓުކުރުމަށްހަދާ، ޕެޕްސްމިއާ ވިލިމާލޭ ސިއްހީ މަރުކަޒުން ދޭން ފަށައިފި އެވެ. މިއީ ރާއްޖޭގައި އެ ހިދުމަތްދޭން ފެށި ތިން ވަނަ ސެންޓަރެވެ.

ވިލިމާލެއިން ދޭން ފެށި އެ ހިދުމަތާ ގުޅޭގޮތުން ވިލިމީލެ ހެލްތް ސެންޓަރު ސީނިއާ ނާސް މެނޭޖަރު އައިމިނަތު ރިންޒީ ވިދާޅުވީ، ބައިނަލްއަގްވާމީ ގޮތުން މާދަމާ ފާހަގަކުރާ ކެންސަރު ދުވަހާ ގުޅިގެން ވިލިމާލޭގައި ދޭން ފެށި އެ ހިދުމަތުގެ ދަށުން ޑޮކްޓަރަށް ދެއްކުމާއި ކެންސަރަށް ސާންޕަލް ނެގުމާއި ރިޕޯޓްތައް ތައްޔާރު ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

"އަޅުނގަޑުމެން މަރުކަޒުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު އިންނަ ދުވަސްތަކަށް އެޕޮއިންޓްމަންޓު ހެއްދުމުން ހިދުމަތް ލިބިގެންދާނެ. އަދި އުރަމަތީގެ ކެންސަރަށް ޗެކަޕް ހަދައިދިނުމުގެ ހިދުމަތްވެސް ލިބޭނެ،" ވިލިމާލެ ހެލްތް ސެންޓަރުގެ ސީނިއާ ނާސް ރިންޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންހެނުންގެ ހާއްސަ ޑޮކްޓަރު އިންނަ ދުވަސްތަކާ އެ ހިދުމަތާ ގުޅުންހުރި އިތުރު މައުލޫމާތު ހޯދުމަށް އެ މަރުކަޒުގެ ނަންބަރު 3392026 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ އިތުރުން ވިލިމާލެ ހެލްތް ސެންޓަރާ ކެންސަރު ސޮސައިޓީ އަދި އައިޖީއެމްއެޗްގެ ގައިނީ ޑިޕާޓްމަންޓާ ގުޅިގެން އެ މަރުކަޒުގައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި އުރަމަތީ ކެންސަރާ ބެހޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމުގެ ސެޝަންތަކެއްގެ ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން ފަސް ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމުގައި ވިލިމާލޭ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 100 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ޓެސްޓް ކުރުމުގެ ހިދުމަތް ވިލިމާލެ ސިއްހީ މަރުކަޒުގެ އިތުރުން އައިޖީއެމްއެޗާއި އޭޑީކޭއިން ވެސް ލިބެއެވެ.

ރާއްޖޭގައި ކެންސަރު ޖެހިފައިވާ މީހުންގެ އަދަދު ރިކޯޑް ކުރެވިފައި ނުވިނަމަވެސް، ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު ކެންސަރު ޖެހިފައިވާ މީހުން ގިނަ ކަމަށް ކެންސަރު ސޮސައިޓީން މައުލޫމާތުދެ އެވެ. އަދި ރާއްޖޭގައި އެކިކަހަލަ ކެންސަރަށް ޓެސްޓު ކުރެވުނު ނަމަވެސް، ކެންސަރަށް ފަރުވާ އެއް ދެވޭކަށް ނުހުރެ އެވެ.