03 Feb 2015, 17:50
ލ. އަތޮޅުގައި ކުރިއަށް ގެންދާ އިންޓާގްރޭޓަޑް ރިސޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އެ އަތޮޅު ބަރެސްދޫގައި ބަނދަރު އަދި ފާލަން ޑިޒައިންކޮށް ތަރައްޤީކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބީލަން ހުށަހެޅުމާ ގުޅޭ އެންމެހައި މަޢުލޫމާތު ހިމެނޭ "ނޮން ރިފަންޑަބަލް" ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ ކޯޕަރޭޝަންގެ އޮފީހުން ލިބެން ހުރި ބީލަން ފޮތެއްގެ އަގަކީ ފަސްހާސް ރުފިޔާ އެވެ.
އެ ކޯޕަރޭޝަނުން ބުނީ ބީލަން ފޮތް ގަންނަ ފަރާތަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވި ވިޔަފާރިކުރަމުން އަންނަ ލިމިޓެޑް ލަޔަބިލިޓީ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށެވެ. އެގޮތުން، ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައި ވަނީ، ބީލަން ފޮތް ގަތުމަށް ބޭނުންވާ ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ އެކޯޕަރޭޝަނަށް ހުށަހެޅުމުން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. އެ ކޯޕަރޭޝަނުން ބުނީ ކޮންމެ ފަރާތަކަށް ވެސް ވިއްކުމަށް ހަމަޖެހިފައި ވަނީ ޚާއްޞަ ސީރިއަލް ނަންބަރެއް ހިމެނޭ އެއް ބީލަން ފޮތް ކަމަށެވެ. ބީލަން ފޮތް ގަތުމަށްފަހު އެހެން ފަރާތެއްގެ ނަމަށް ބީލަންފޮތް ބަދަލު ނުކުރެވޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
ތުނބުރި ޕްރޮޖެކްޓްގެ ދަށުން ބިން ކުއްޔަށް ދޫކުރަނީ 25 އަހަރަށެވެ. އެގޮތުން ދޫކުރާ ބިމުގެ ކޮންމެ 5000 އަކަ ފޫޓްގެ ބިމެއްގެ ކުއްޔަކީ އަހަރަކަށް 30000 ޑޮލަރެވެ. އަދި ކޮންމެ 10،000 އަކަފޫޓުގެ ބިމެއްގެ ކުއްޔަކީ އަހަރަކަށް 66،000 ޑޮލަރެވެ.
ބިން ކުއްޔަށް ހިފާ ފަރާތުން ލީޒް އެކްއިޒިޝަން ކޮސްޓްގެ ގޮތުގައި 5000 އަކަފޫޓުގެ ބިމެއް ނަމަ 100،000 ޑޮލަރު އަދި 10،000 އަކަފޫޓުގެ ބިމެއް ނަމަ 200،000 ޑޮލަރު ދައްކަން ޖެހެ އެވެ.