03 Feb 2015, 17:36
އީކޯ ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑޫގައި ކުރިއަށް ގެންދާ އީދިގަލި ކިޅި ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް މި މަސް ތެރޭގައި ނިންމާލެވޭ ވަރު ވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލް މޭޔަރު އަބްދުﷲ ސޯދިގް މިއަދު "ސަން" އަށް ވިދާޅުވީ އީދިގަލި ކިޅީގެ މަސައްކަތް ނިމިފައި ނުވަނީ އެ މަޝްރޫއަށް ބޭނުންވާ ބައެއް ސާމާނުތައް ލިބިފައި ނުވާތީ ކަމަށެވެ. އަދި މި މަސް ތެރޭގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލެވޭ ވަރު ވާނެ ކަމަށް ސޯދިގް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އައްޑޫ ސިޓީ ކައުންސިލާއި އީޕީއޭގެ ބޭފުޅުންނާ އެކު އިއްޔެ ބައްދަލުވުމެއް ބޭއްވިން. އެބޭފުޅުން ވިދާޅުވި އިރާދަކުރެއްވިއްޔާ މި މަސްތެރޭގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލެވޭ ވަރު ވާނެ ކަމަށް. މިހާރުވެސް ވަރަށް ބޮޑު ބައެއް ވަނީ ނިމިފައި،" ސޯދިގް ވިދާޅުވި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއަށް އީދިގަލި ކިޅި ތައްޔާރު ކުރުމުގެ މަސައްކަތް ކުރަނީ ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ސަދަން މޯލްޑިވްސް ކޮންޓްރެކްޓިން އެންޑް ޓްރޭޑީން ކޮމްޕެނީންނެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ.
އައްޑޫ ކައުންސިލްގެ މޭޔަރު ސޯދިގް ވިދާޅުވީ ސަދަން މޯލްޑިވްސް އާ ހަވާލުކޮށްފައިވާ މަސައްކަތުގެ ތެރޭގައި އީދިގަލި ކިޅި ސަރަހައްދު އެއްކޮށް ސާފުކޮށް، ވަށައި ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
ސަރުކާރުން މި މަސައްކަތް ސަދަން މޯލްޑިވްސްއާ ހަވާލުކޮށްފައި ވަނީ 7.2 މިލިއަން ރުފިޔާ އަށެވެ.