10 Feb 2011, 21:47
ކ. ހުރާގެ ޑީއާރްޕީގެ ދެ ފެކްޝަނުން ވެސް މިރޭ ހަމަ ނުޖެހުން ހިންގައިފި އެވެ.
ހުރާގައި އޮންނަ ޑީއާރްޕީ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ ޒައީމް މައުމޫނަށް ސަޕޯޓް ކުރާ މީހުންނާއި ލީޑަރު ތަސްމީނަށް ސަޕޯޓް ކުރާ މީހުންގެ މެދުގައި މިރޭ ހަމަނުޖެހުންތައް އުފެދުނީ ލޯކައުންސިލް އިންތިހާބުގެ ކާމިޔާބީގެ އުފާ ފާޅުކުރަން ޑީއާރްޕީގެ ލީޑަރު ތަސްމީންގެ ފެކްޝަނުން ހުރާގައި މިރޭ އިންތިޒާމްކޮށްފައިވާ ޖަލްސާއަށް ދައުވަތު ނުދެނީސް މައުމޫން ފެކްޝަންގެ ބަޔަކު ލޯންޗެއްގައި ގޮސް ޖަލްސާގައި ބައިވެރިވާން މަސައްކަތް ކުރުމުން ކަމަށް ހުރާގެ ބައެއް ފަރާތްތަކުން ސަންއަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
"މިކޮޅުގައި އުފާ ފާޅު ކުރުމަށް ތަސްމީން އޮތީ ޖަލްސާއެއް ރާއްވަވާފައި. ޖަލްސާ ފެށެން އުޅެނިކޮށް ލޯންޗެއްގައި ޑީއާރްޕީން މައުމޫނަށް ސަޕޯޓް ކުރާ ބަޔަކު އައީ. އޭގައި ގިނައިން ތިބީ އަންހެނުން،" ހުރައިން މައުލޫމާތު ދިން ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޯންޗްގައި އައި މީހުންނާއި ހުރާގައި ތިބި ތަސްގެ ގްރޫޕްގެ މެދުގައި ހަމަނުޖެހުން ހިނގައި މައުމޫންގެ ސަޕޯޓަރުން ގޮވައިގެން ދިޔަ ލޯން ރަށާ ކައިރިކުރިޔަށް ނުދީ ބޭރުކޮށްފައިވާ ކަމަށެވެ. އަދި ދެބައި މީހުންގެ މެދުގައި ޒުވާބު ހިނގާފައިވާ ކަމަށެވެ.
"އެ ލޯންޗުގައި ތިބި މީހުން ވެސް އެރިއަކަ ނުދިން. ލޯންޗް ވެސް ބޭރުކޮށް ބައްސާލައިފި. މިހާރު ހަމަނުޖެހުމެއް ނެތް." އޭނާ ވިދާޅުވި އެވެ. "މައުލޫމާރު ލިބެނީ ރައީސް މައުމޫންގެ ސިޓީތަކެއް ބެހުމަށް ރަށަށް އައި ބައެއް ކަމަށް،"
ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް، ޒައީމް މައުމޫނަށް ނިސްބަތްކޮށް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ހިމެނޭ ފޯނުކޯލެއްގެ މައްސަލައިގައި މައުމޫނަށް ތާއީދު ކުރާ ވަރަށް ގިނަ އަންހެނުން އެކުވެގެން ޝަރީފު މަގާމު ދުރުކުރުމަށް ޕެޓިޝަނެއްގައި ދަނީ ސޮއިކުރަމުންނެވެ. އެ ގޮތުން މައުމޫންގެ ވަރަށް ގިނަ އަންހެން ސަޕޯޓަރުން އިއްޔެއާއި މިއަދު މާލެ ކައިރީ ރަށަރަށް، ޕެޓިޝަނަށް ތާއިދު ހޯދުމަށް ދަތުރުތައް ފަށާފައިވާ ކަމަށް ވެސް ވެއެވެ.