އަސާސީ ބޯހިޔާވަހިކަމުގެ އިތުރުން މެދުފަންތީގެ ބޯހިޔާވަހިކަމުގެ ފުރުސަތުތައް ހުޅުވުމަށް ޕްލޭންކޮށް އެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ސޯޝަލް ހައުސިން ގެ އިތުރަށް މީޑިއަމް ހައުސިންއަށް ސަރުކާރުގެ ވިސްނުންތައް ގެންގުޅުއްވާ ކަމަށެވެ.

"މިފަހަރު އަދި ސޯޝަލް ހައުސިންގެ އިތުރަށް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން މީޑިއަމް އެންޑް ހައުސިން އަށް ވެސް ފުރުސަތު ހޯދަން، އެ ވަރަށް ބޮޑު ޗަންކެއް ހައުސިން ނީޑް އޮންނަ ފަރާތްތަކުގެ ތެރޭގައި މީޑިއަމް ލެވަލްގައި،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސޯޝަލް ހައުސިން އަށް އެހާ ބާރު ބޮޑުވަނީ މެދުފަންތީގެ ފަރާތްތަކަށް އަމާޒު ކޮށްގެން ހައުސިންގެ ތައާރަފް ނުކުރެވޭތީ އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ އެފަދަ ފުރުސަތުތައް ހޯދުމަށް ބޭރުގެ އެކިއެކި އިންވެސްޓަރުންނާއި ވާހަކަ ދެކެވެމުންދާ ކަމަށާއި މިނިސްޓުރީން އެ ކަމަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކުމާއެކު އެފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި އިތުރު ހައުސިން ޕުރޮޖެކްޓެއް ފެށޭތޯ މަސައްކަތް ކުރައްވަމުން ދާ ކަމަށާއި މާލޭގައި ނުނިމި ހުރި ފުލެޓުތައް ވެސް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެ ފުލެޓުތައް މިއަހަރުގެ ނިޔަލަށް ނިންމުމަށް އަލުން ހަވާލުކޮށްފައިވާއިރު އެ މަސައްކަތްކުރުމަށް ރާއްޖެއިން ބޭރުން ގިނަ ބިދޭސީއިންތަކެއް ގެނައުމުގެ މަސައްކަތް އެކަން ހަވާލުކޮށްފައިވާ ކުންފުނިން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަތޮޅުތެރޭ ހައުސިން ގިނަ ޕުރޮޖެކްޓްތައް ހިންގޭއިރު މިއަހަރު ތެރޭގައި 1800 ހައުސިން ޔުނިޓް ނިމޭނެ ކަމަށާއި އަދި ކުރިއަށްއޮތް 18 މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން 1100 އެއްހާ ފުލެޓް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.