03 Feb 2015, 17:23
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާލޭގައި އިތުރު ދެ އޭޓީއެމް ހުޅުވައި އެ ބޭންކުގެ އޭޓީއެމްތަކުގެ އަދަދު ފަސް އޭޓީއެމް އަށް އިތުރުކޮށްފި އެވެ.
އެ ބޭންކުގެ ހެޑް އޮފް ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު ޝަފާއު ވިދާޅުވީ އަލަށް ހުޅުވި ދެ އޭޓީއެމް ހުންނާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕޯސްޓް ބިލްޑިންގާއި މަޖީދީމަގުގައި ހުންނަ ހ. ލައިޓްރޯސްގައި ކަމަށެވެ.
ޝަފާއު ވިދާޅުވީ އަލަށް ހުޅުވި ދެ އޭޓީއެމުން ވެސް ކުރިން ބަހައްޓާފައިވާ އޭޓީއެމްތަކާ އެއްފަދައިން ބޭންކުގެ ކޮންމެ ކަސްޓަމަރަކަށް ދުވާލެއްގެ މައްޗަށް 20،000 ރުފިޔާ ނެގޭނެ ކަމަށެވެ.
"އަލަށް ހުޅުވި ދެ އޭޓީއެމް އިން ވެސް ދުވާލެއްގެ މައްޗަށް 20،000 ރުފިޔާ ނެގޭނެ. ނަމަވެސް އެއަށްވުރެ ދައްކޮށް ކޭޝްކާޑަށް ލިމިޓްކޮށްފައިވާ ކަސްޓަމަރުންނަށް ނެގޭނީ އެ ލިމިޓް ކޮށްފައިވާ އަދަދަކަށް،" ޝަފާއު ވިދާޅުވި އެވެ.
އިސްލާމިކް ބޭންކުން މިއަދު އަލަށް ދެ އޭޓީއެމް ހުޅުވާފައިވާ އިރު މީގެ ކުރިން އެ ބޭންކުން ހުޅުވާފައިވާ ތިން އޭޓީއެމެއް އައިޖީއެމްއެޗާއި ފިނޭންސް މިނިސްޓްރީ ކައިރީގައި އަދި އެ ބޭންކުގެ މައި އިދާރާގައި ހުރެ އެވެ.