03 Feb 2015, 17:12
މަންމަ އާއި ދައްތައަށް ތޫނު އެއްޗަކުން ބިރުދެއްކި މީހަކު ނ. ލަންދޫން ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ތޫނު އެއްޗަކުން ބަޔަކަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި އުމުރުން 22 އަހަރުގެ މީހަކު އިއްޔެ ލަންދޫން ހައްޔަރުކޮށްފައިވާ ކަމަށެވެ. އާއިލާ މީހުންނަށް އެމީހާ ބިރުދެއްކީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ބިރުދައްކާފައި ވަނީ އޭނާގެ މަންމައަށާއި އެއްބަނޑު އެއްބަފާ ދައްތަ އަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެށިންނެވެ.
އެމީހާގެ ބަންދަށް އެ އަތޮޅު މާފަރު ކޯޓުން މިހާރު ވަނީ 10 ދުވަސް ޖަހައިދިފަ އެވެ.
ތޫނުއެއްޗަކުން ބިރުދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.