ސައޫދީ ރަސްގެފާނު އަބްދުﷲ އަބްދުލްޢަޒީޒް އަވަހާރަވުމާ އެކު ވެރިކަން ލިބިވަޑައިގެންނެވި އައު ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އެގައުމުގެ ރަސްކަމުގެ އޮނިގަނޑަށް ގެންނަވާފައިވާ އަވަސް ބަދަލުތަކަކީ އޭނާއާ އެއްބަނޑު އެއްބަފާ ބޭފުޅުންގެ ޢާއިލާތަކުގެ ބާރު ރަސްކަމުގެ ނިޒާމުގައި ގަދަކުރުމުގެ ބަދަލުތަކެއް ކަމަށް ދަނީ ސިފަކުރެވެމުންނެވެ.

ސައޫދީ އަރަބިޔާގެ މަސްރަޙު ދިރާސާ ކުރައްވާ މުޙައްލިލުން ވިދާޅުވާ ގޮތުން ސަލްމާން ރަސްގެފާނު ސައޫދީ ވެރިކަމުގެ އެންމެ ނުފޫޒުގަދަ މަގާމްތަކަށް ގެންނަވަމުން ގެންދަވާ ބަދަލުތަކަކީ ކުރީގެ ރަސްކަލެއްކަމަށްވާ ފަހްދު ރަސްގެފާނުގެ ދައުރުގައި އޭނާ ގެންނެވި ފަދަ އައްސިދްރީ އާއިލާގެ ބާރުގަދަ ކުރުމުގެ ބަދަލުތަކެކެވެ. ސައޫދީ ޝާހީ ބޮޑުއާއިލާގައި ހިމެނޭ އެއްބަނޑުއެއްބަފާ ހަތް ފިރިހެން ބޭފުޅުން އެކުލެވޭ އައްސިދްރީ އާއިލާއަކީ ސައޫދީ އަރަބިޔާގެ ދައުލަތުގެ ބާނީ އަދި އެގައުމުގެ ވިރާޘީ ރަސްކަމުގެ ނިޒާމުގެ މުއައްސިސް ކިންގް އަބްދުލްއަޒީޒް އަބްދުއްރަޙްމާން އާލްސުއޫދު، ޙިއްސާ ބިންތު އަޙްމަދުއްސިދްރީ އާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންފައިވާ އެއްބަނޑުއެއްބަފާ ހަތް ފިރިހެން ބޭފުޅުންގެ ޢާއިލާ އެވެ.

ހަތް ފިރިހެން ބޭފުޅުން ހިމެނޭ މިއާއިލާގައި ހަ އަންހެންބޭފުޅުން ވެސް ހިމެނިފައިވާތީ އެއްބަނޑުއެއްބަފާ 13 ބޭފުޅުންނާ އެކު ކިންގް އަބްދުލްއަޒީޒްގެ ބޮޑު އާއިލާގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ އާއިލާއަކީ މިއާއިލާ އެވެ. ޙިއްސާ ބިންތު އަޙްމަދުއްސިދްރީގެ ބަނޑުފުޅުން ކިންގް އަބްދުލްއަޒީޒަށް ލިބިވަޑައިގެންފައިވާ 13 ބޭފުޅުންނަކީ ސައްދުލްއައްވަލް، ފަހްދު، ސުލްތާން، އަބްދުއްރަޙްމާން، ތުރުކީ ދެވަނަ، ނާއިފް، ސަލްމާން، އަހްމަދު، ފުލްވާ، ޝަޢީޢު، މޫޟާ، ލުއްލުއާ، ލަތީފާ، ޖަވްހަރާ ދެވަނަ އަދި ޖަވާހިރު އެވެ. މި 13 ބޭފުޅުންގެ ތެރެއިން ފަހްދަކީ ވަލީއުލްއަހްދުކަމާއި ރަސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ސުލްތާނާއި ނާއިފަކީ ވަލީއުލްއަހްދުކަން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. ސަލްމާނަކީ މިހާރުގެ ރަސްގެފާނެވެ. އޭގެކުރިން އޭނާ ވަލީއުލްއަހްދުކަން ކުރައްވާފައިވެ އެވެ.

ކިންގް އަބްދުލްއަޒީޒް އަށް ފަހު ރަސްކަމަށް އިސްވެ ވަޑައިގެންފައިވާ އޭނާގެ ހަ ފިރިހެން ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުން ނިސްބަތްވަނީ މިއާއިލާއަށެވެ. އެއީ ފަހްދުރަސްގެފާނާއި މިހާރު ރަސްގެފާނު ސަލްމާނެވެ. މިއާއިލާއިން ދުނިޔޭގައި މިހާރު ތިއްބެވީ ސަލްމާން ރަސްގެފާނާއި އަންހެން ދެބޭފުޅުން ކަމަށްވާ ޖަވްހަރާއާއި ޖަވާހިރު މިތިން ބޭފުޅުންނެވެ. ކިންގް އަބްދުލްއަޒީޒް އަބްދުއަރަޙްމާން އާލްސުއޫދު، 38 އަންހެން ބޭފުޅުންނާ ކައިވެނި ބައްލަވައިގެންފައިވެ އެވެ.
މި 38 އަނބިންގެ ތެރެއިން މަދުބޭފުޅެއްގެ ފަރާތުން ބޭފުޅުން ލިބިވަޑައިގެންފައިނުވިނަމަވެސް ދަރިމައިވި އަނބިންގެ ބަނޑުފުޅުން ކިންގް އަބްދުލްއަޒީޒަށް 66 ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. މީގެތެރޭގައި 30 އަންހެން ބޭފުޅުންނާއި 36 ފިރިހެން ބޭފުޅުން ހިމެނެއެވެ. ކިންގް އަބްދުލްޢަޒީޒްގެ ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ 13 ފިރިހެން ބޭފުޅުންނެވެ. އޭގެތެރެއިން އެންމެ ހަގު ބޭފުޅަކީ މިހާރުގެ ވަލީއުލްޢަހްދު މުގްރިން ބިން އަބްދުލްއަޒީޒް އެވެ. އަންހެން ބޭފުޅުންނަށް ބަލާއިރު 14 އަންހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި ކަމަށް މަޢްލޫމާތު ލިބެ އެވެ.

1982 ން 2005 ވަނަ އަހަރާ ހަމައަށް ސައޫދީ ރަސްކަމުގެ ތަޚްތުގައި ރެދަލިކުރެއްވި ފަހްދު ރަސްގެފާނާއި މިހާރުގެ ރަސްގެފާނު ސަލްމާނަކީ އައްސިދްރީ އާއިލާއަށް ނިސްބަތްވާ އެއްބަނޑު އެއްބަފާ ދެބޭފުޅުންނެވެ. އައްސިދްރީ އާއިލާގައި އެއްބަނޑުއެއްބަފާ ހަތް ބޭފުޅުން ތިއްބެވި އިރު މި ހަތް ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ހުންނެވި ހަމައެކަނި ބޭފުޅަކީ މިހާރުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒެވެ. މީގެ 13 ވަރަކަށް ދުވަސްކުރިން އަވަހާރަވި ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒަކީ މި ހަތް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށްނުވާތީ އޭނާގެ ވެރިކަމުގައި މަސައްކަތް ކުރައްވާފައިވަނީ އައްސިދްރީ އާއިލާގެ ބާރުކުޑަކޮށް އޭނާގެ އަމިއްލަ އާއިލާގެ ބާރާއި ނުފޫޒު ވަރުގަދަ ކުރުމަށްކަމަށް ރިޕޯޓްތައް ބުނެ އެވެ. ގާތްގަނޑަކަށް 10 އަހަރުގެ ވެރިކަމަކަށް ފަހު އަބްދުﷲ ރަސްގެފާނު އަވަހާރަވިތާ ހަ ދުވަހުގެ ތެރޭގައި ސަލްމާން ރަސްގެފާނު ސައޫދީ ކެބިނެޓާއި ރަސްކަމުގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ޓަކައި 30 އަށް ވުރެ ގިނަ ޝާހީ އަމުރު ނެރުއްވާފައިވެ އެވެ. މިއަމުރުތަކުގެ ދަށުން ސައޫދީ ވެރިކަމުގެ އިސްމަގާމުތަކުގައި ކުރިން ތިއްބެވި ޝާހީ އާއިލާގެ ހަރު އަދި ތަޖްރިބާކާރު ގިނަ ބޭފުޅުންތަކެއް މަގާމުން ދުރުކުރުމާއި އައްސިދްރީ އާއިލާއަށް ނިސްބަތްވާ ޒުވާން އައު ބޭފުޅުން އިސްމަގާމުތަކަށް ގެންނެވުން ހިމެނެ އެވެ.

މަގާމުން ދުރުކުރެއްވި ބޭފުޅުންގެ ތެރޭގައި ސައޫދީ ނެޝަނަލް ޑިފެންސް ކައުންސިލްގެ ވެރިޔާ ބަންދަރު ބިންސުލްތާންއާއި ޖާސޫސީ އިދާރާގެ ވެރިޔާ ޚާލިދުބިން ބަންދަރު ބިން އަބްދުލްއަޒީޒް އާއި ކުރީގެ ރަސްގެފާނުގެ ދެބޭފުޅުން ކަމަށްވާ މައްކާގެ އަމީރު މިޝްޢަލް ބިން އަބްދުﷲ އާއި ރިޔާޟްގެ އަމީރު ތުރުކީ ބިން އަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ.
ސައޫދީ ރަސްކަމުގެ ނިޒާމުގައި ތިންވަނައަށް އެންމެ ބާރުގަދަ މަގާމުކަމަށްވާ ވަލީއުލްޢަހްދުގެ ނައިބުކަމުގެ މަގާމަށް ހަމަޖެއްސެވި މުޙައްމަދު ބިން ނާއިފް އަކީވެސް އައްސިދްރީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް. އޭނާގެ ބައްޕަ އަދި ކުރީގެ ވަލީއުލްއަހްދު ނާއިފް އަކީ މިހާރުގެ ރަސްގެފާނު ސަލްމާން އާ އެއްބަނޑު އެއްބަފާ ބޭފުލެކެވެ. މި ކަމުގެ ސަބަބުން ސަލްމާން ރަސްގެފާނާއި ވަލިއުލްއަހްދު މުގްރިން އަށްފަހު ސައޫދީ ރަސްކަމުގެ ތަޚްތު މުހައްމަދު ބިން ނާއިފްއަށް ލިބުމުގެ ފުރްސަތު ފަހިވެގެންދާނެ އެވެ. ސަލްމާން ރަސްގެފާނު ސައޫދީ ރަސްކަމުގެ އޮނިގަނޑު މިހާރު ރާވާފައިވާގޮތުން ކިންގް އަބްދުލްއަޒީޒްގެ ކާފަ ދަރިންގެ ތެރެއިން ރަސްކަމުގެ ތަޚްތު އެންމެފުރަތަމަ ލިބިވަޑައިގަންނަވާނީ މުހައްމަދު ބިން ނާއިފްއަށެވެ. އޭގެ މާނައަކީ އައްސިދްރީ އާއިލާއަށް ސައޫދީ ރަސްކަން ފުރޮޅިގެން ދިޔުންކަމަށް ވަނީ ބެލެވިފަ އެވެ.

މުޙައްމަދު ބިން ނާއިފަކީ އިސްލާޙީ ވިސްނުމަށްވުރެ ބޮޑަށް ކޮންޒަވެޓިވް ވިސްނުމުގެ ބޭފުޅެއް ކަމަށްވެ އެވެ. ހަމައެފަދައިން ސަލްމާން ރަސްގެފާނު ސައޫދީ ދިފާއީ ވަޒީރަކަށް އޭނާގެ ދަރިކަލުން މުޙައްމަދު ބިން ސަލްމާން އައްޔަން ކުރެއްވުމަކީވެސް އައްސިދްރީގެ އާއިލާގެ ބާރުގަދަ ކުރުމުގެ ފިޔަވަޅެއްކަމަށްވަނީ ބެލެވިފަ އެވެ. ދިފާއީ ވަޒީރުގެ މަގާމަކީ ސައޫދީ ސަރުކާރުގައި ބާރާއި ނުފޫޒުގަދަ މަގާމެކެވެ. އައްސިދްރީ އާއިލާގެ ބާރު ސައޫދީ ރަސްކަމުގެ ނިޒާމުގައި މީގެކުރިން އެންމެ ގަދަވެފައިވަނީ ފަހްދު ރަސްގެފާނުގެ ރަސްކަމުގަ އެވެ. އެހެންކަމުން ސަލްމާންގެ ދައުރުގައި ސައޫދީ ރަސްކަމުގެ ތެރެއިން ފެންނަން ފަށާފައިމިވަނީ ފަހްދު ރަސްގެފާނުގެ ދައުރުގައިވެސް ފެނުނުފަދަ މަންޒަރުތަކެއް ކަމަށާ މިކަމުގެ ސަބަބުން ސައޫދީ ރަސްކަމުގެ ކޮއިލުގެ އެކިފެކްޝަންތަކުގެ މެދުގައި ނުތަނަވަސްކަން އެބަހުރިކަމަށް ރިޕޯޓްތައް ބުނެ އެވެ.