03 Feb 2015, 15:52
މިދިޔަ އަހަރު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން އެ އެސޯސިއޭޝަން ހިންގުމާއި ހަވާލު ވުމަށްފަހު، އެފްއޭއެމްގެ އެސިސްޓަންޓް ޓެކްނިކަލް ޑައިރެކްޓަރަކަށް ހަމަޖެއްސި މުހައްމަދު ޝިޔާޒް (މޯހަން) އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ޕްރޮމޯޓު ކޮށްފި އެވެ.
ރާއްޖޭގެ ކޯޗިން ދާއިރާގައި ފާހަގަ ކޮށްލެވޭ ވަރުގެ ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ އިތުރުން، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ފުޓްބޯޅައަށް ހިދުމަތްކޮށްދިން މޯހަން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށް ހަމަޖެއްސިކަން އެފްއޭއެމުން ހާމަކޮށްފައި ވަނީ މިއަދު އެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މޯހަން އެ މަގާމަށް ޕްރޮމޯޓް ކުރަން ނިންމީ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ކުރިމަތިލީ ފަރާތްތަކުގެ ވަނަވަރުތަކަށް ބެލުމަށްފަހު، އެ މަގާމަށް އެންމެ އެކަށީގެންވާ ފަރާތަކީ މޯހަން ކަމަށް އެ ކޮމިޓީގެ ހުރިހާ މެންބަރުންވެސް އިއްތިފާގު ވެފައި ވާތީ ކަމަށެވެ.
އޭގެ އިތުރުން އެފްއޭއެމުން ބުނީ މޯހަން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށް ހަމަޖައްސަން ނިންމީ އެފްއޭމްގެ ޓެކްނިކަލް ކޮމިޓީގެވެސް ލަފަޔާ އެކު ކަމަށެވެ.
އެންމެ ފަހުން 2008 ވަނަ އަހަރު އެފްއޭއެމްއަށް ޚިދުމަތް ކޮށްދިން މޯހަން އެ އަހަރު އަދާކުރީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ މަގާމެވެ. އެ އަހަރު ރާއްޖޭގެ ގައުމީ ޓީމު ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލައިލިއިރު، ހަމަ އެ އަހަރު މޯހަން ވަނީ އެ މަގާމުން އަމިއްލަ ސަބަބު ތަކަކާއި ހުރެ ވަކިވެފައެވެ.
ގައުމީ ޓީމަށް ދިގު މުއްދަތަކަށް ކޯޗެއްގެ ގޮތުގައި ޚިދުމަތް ކޮށްދިނުމުގެ އިތުރުން މޯހަން ވަނީ ރާއްޖޭގެ ކޯޗިން ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ 2009 ވަނަ އަހަރުން 2012 ވަނަ އަހަރަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ކޯޗުކަން ކޮށްދީފައި ވާއިރު، 2012 ވަނަ އަހަރު އޭނާގެ ކޯޗުކަމުގެ ދަށުން އެ ކްލަބް ވަނީ ދިވެހި ލީގުގެ އެއްވެސް މެޗަކުން ބަލިނުވެ އެ ލީގު ކާމިޔާބު ކޮށްފައެވެ.
އޭގެ އިތުރުން އޭނާ ވަނީ އޭއެފްސީން މިދިޔަ އަހަރު ކެމްބޯޑިއާ އާއި މޮންގޯލިއާގައި ބޭއްވި ކޯޗިންގް ކޯހުގައި އިންސްޓްރަކްޓަރެއްގެ މަގާމު އަދާކޮށް، ބޭރު ގައުމެއްގައި ބޭއްވި ކޯޗިން ކޯހެއްގައި އިންސްޓްރަކްޓަރުކަން އަދާކުރި ފުރަތަމަ ދިވެހި ކޯޗުގެ ފަހުރުވެސް ހާސިލް ކޮށްފައެވެ.
މޯހަން އަކީ އޭއެފްސީން އިންތިޒާމްކުރާ ކޯޗިން ކޯސްތަކުގައި ކިޔަވައިދިނުމުގެ ލައިސެންސް ރާއްޖޭގައި މިވަގުތު ހާސިލްކޮށްފައިވާ ހަމައެކަނި އިންސްޓްރަކްޓަރެވެ.