ރާއްޖޭގެ ގައުމީ ޓީމްގެ ދެވަނަ ކީޕަރު މުހައްމަދު އިމްރާން އާއި ރާއްޖޭގެ އެއްވަނަ ޑިވިޝަންގެ ކްލަބުތަކަށް ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

އިމްރާން މިހާރު ޓީސީއަށް ސޮއިކޮށްފައި ވާއިރު، ވޭތުވެދިޔަ ތިން ސީޒަންގައި މާޒިޔާގެ ގޯލު ބަލަހައްޓަ ދީފައި ވަނީ އޭނާ އެވެ. އިމްރާން މާޒިޔާ ދޫކޮށް ޓީސީއާ ގުޅެން ނިންމީ މި ސީޒަނަށް މާޒިޔާއަށް ރާއްޖޭގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދު ބަދަލުވުމާއި ގުޅިގެނެވެ.

އިމްރާނާއެކު މި ސީޒަނަށް ޓީސީއަށް ސޮއިކުރި ކުޅުންތެރިންނަކީ މާޒިޔާ އާއި ވެލެންސިޔާއިން މީގެ ކުރިން ފެނިގެން ދިޔަ އަލީ އިމްރާން އާއި ވިކްޓަރީއަށް ކުޅުނު އަހުމަދު ފައްރާހު އަދި އީގަލްސްގެ ފުރުގާނެވެ. އެ ކުޅުންތެރިންގެ އިތުރުން ބީޖީ ސްޕޯޓްސްއަށް ކުޅުނު ބިދޭސީ ކުޅުންތެރިޔާ ކުދޫސް ކެލާނީ އާއި، އެ ޓީމްގެ މުހައްމަދު އައްޒާމް އާއި މުހައްމަދު ސަމާހުވެސް ވަނީ މި ސީޒަނަށް ޓީސީއަށް ސޮއި ކޮށްފައެވެ.

އެ ކުޅުންތެރިންގެ އިތުރުން ބިދޭސީ އިތުރު ކުޅުންތެރިއަކާއި ދިވެހި ކުޅުންތެރިން ޓީމަށް ހޯދަން މަސައްކަތް ކުރަމުން ދާކަމަށް ޓީސީން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަން މުބާރާތުގައި އެއްވެސް މަޗަކުން ބަލިނުވެ މުބާރާތުގެ ޗެންޕިއަންކަން ހޯދުމަށް ފަހު، ދިވެހި ލީގު ކޮލިފިކޭޝަންގައި ދެވަނަ ހޯދި ޓީސި މިއީ ރާއްޖޭގެ އެއްވަނަ ޑިވިޝަންގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި އެ ޓީމުން މި އަހަރު ކަނޑައަޅާފައިވާ ޓާގެޓަކީ "އެއްވަނަ ޑިވިޝަންގައި ހިފައްޓާލުން" ކަމަށްވެސް އެ ކްލަބުން ވަނީ ބުނެފައެވެ.

ޓީސީގެ ތަމްރީނުތައް ރަސްމީކޮށް ފަށަން ހަމަޖައްސާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި އޭގެ ކުރިން މި މަހުގެ ހަތްވަނަ ދުވަހު އެ ޓީމްގެ ޓްރައިލްތައް ބާއްވާނެ ކަމަށްވެސް އެ ކްލަބުން ވަނީ ހާމަ ކޮށްފައެވެ.