03 Feb 2015, 15:34
ޅ. ހިންނަވަރު މީހަކު ބަލަހައްޓަމުންދިޔަ ކުޑަ ފިރިހެން ކުއްޖަކަށް ޖިސްމާނީ އަނިޔާކުރި މައްސަލަ އެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ކުއްޖާ ބަލަހައްޓަމުން ދިޔަ އަންހެން މީހާއާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ.
ހިންނަވަރު ކައުންސިލްގެ ރައީސް އާދަމް ޔޫސުފް ވިދާޅުވީ، ޖިސްމާނީ އަނިޔާ ލިބުނު ފިރިހެން ކުއްޖަކީ އެރަށު މީހަކާ، ބަލަން ހަވާލުކޮށްފައި ހުރި ކުއްޖެއް ކަމަށެވެ. އަދި އުމުރުން ގާތްގަނޑަކަށް ހަ އަހަރުގެ އެކުއްޖާގެ ގައިގައި ހޫނުކޮށްފައި ދަގަނޑު ކަހަލަ އެއްޗެއް ޖައްސާފައި ހުރި ތަންތަން ފެންނަން ހުރި ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން އެކުޑަކުއްޖާ މިހާރު ހުރީ ޖެންޑާގެ ބެލުމުގެ ދަށުގަ އެވެ. އެކުއްޖާ ހިންނަވަރު މީހަކާ ބަލަން ހަވާލުކޮށްފައިވަނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.