03 Feb 2015, 15:12
ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (ޖީއޭޕީ) ސްކީމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި ހޭލުންތެރި ކުރުމަށް "ނޭޝަނަލް ސްޓޭކްހޯލްޑާސް ކޮންސަލްޓޭޝަން ވޯކްޝޮޕް" އެއް މާލޭގައި ފަށައިފި އެވެ.
ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން އޮފް ޔުނައިޓެޑް ސްޓޭޓްސް (އެފްއޭއޯ) އިން ސާކްގެ ހަތަރު ގައުމުގައި ހިންގަން ހަމަ ޖެހިފައިވާ "ޕައިލެޓް ޕްރޮޖެކްޓް" އާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕް ރާއްޖޭގައި މިއަދު ފަށާފައިވަނީ ނަސަންދުރަ ޕެލަސް ހޮޓެލްގައެވެ. އެ ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި ހެލްތު މިނިސްޓްރީ އިންނެވެ.
ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ޖީއޭޕީ ސްކީމް އާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ޝަރީފާ އާދަމް މަނިކް ވިދާޅުވީ، ރާއްޖޭގައި މިހާރު އައު ވައްތަރުތަކުގެ ކާއެއްޗެހި ހަދަމުންދާއިރު އެ އެއްޗެހި ހެދުމަށް ބޭނުންވާ މިންގަނޑަށް ނާންނަ ކަމަށާއި ޖީއޭޕީ ސެޓްފިކޭޝަން ސިސްޓަމެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.
"މިހާރު ރާއްޖޭގައި ދަނީ ގިނަ އަދަދަކަށް އައު ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރު ކުރެވެމުން. ނަމަވެސް މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ އެއަށް ބޭނުންވާ އެއްޗެހި އަންނަން ޖެހޭ މިންގަނޑަށް އައިސްފައި ނުވާ ކަން. އެހެން ކަމުން އަޅުގަނޑު ދެކޭ ގޮތުގައި ޖީއޭޕީ ސެޓްފިކޭޝަން ސިސްޓަމެއް ރާއްޖޭގައި ގާއިމް ކުރުމަކީ މުހިއްމު ކަމެއް. އެކަމުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރި ކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުމެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައިވާ އެ ޕައިލެޓް ޕްރޮޖެކްޓް ރާއްޖޭގައި ލަހުން ފެށުމާ ގުޅިގެން މިހާރު އެ ޕްރޮޖެކްޓް ނިންމުމަށް ހަމަޖެހިފައިވާނީ އަހަރެއްހާ ދުވަހުގެތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ ޕްރޮޖެކްޓް ނިމޭނީ އަންނަ އަހަރުގެ މާޗު މަހުގައެވެ.
ޖީއޭޕީ އެއް ގާއިމް ކުރުމުން މާކެޓުގައި ތަކެތި ލިބޭ ކޮލިޓީ ރަނގަޅު ވުމަށް މަގުފަހިވާއިރު ކާބޯތަކެތީގެ ރައްކާތެރިކަން ބޮޑުވާނެ އެވެ. މީގެ ކުރިން އެ ޕްރޮޖެކްޓް ބަންގްލަދޭޝް އާއި ބޫޓާންގައި ބާއްވާފައިވާއިރު އެ ޕްރޮޖެކްޓު އަންނަ މަހު ނޭޕާލްގައި ފަށާނެއެވެ.