އެފްއޭއެމުން ގައުމީ 16 އަހަރުން ދަށުގެ ޓީމަށާއި ގައުމީ 19 އަހަރުން ދަށުގެ ޓީމަށް އެސިސްޓަންޓް ކޯޗުން ހޯދަން އިއުލާނު ކޮށްފިއެވެ.

އެފްއޭއެމުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ ދެ މަގާމުން ކޮންމެ މަގާމަކަށް އެއް އެސިސްޓަންޓް ކޯޗު ބޭނުންވާ ކަމަށެވެ. އަދި އެ މަގާމަކީ ޕާޓް ޓައިމް މަގާމެއް ކަމަށާއި، އެ މަގާމަށް ކޯޗުން ނަގާނީ އެއް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ކަމަށްވެސް އެފްއޭމުން ބުންޏެވެ.

އެ ދެ މަގާމަށް ކުރިމަތިލާ ފަރާތްތަކަށް އެފްއޭއެމުން ކަނޑައަޅާފައިވާ ޝަރުތަކީ އޭފްސީ "ބީ" ނުވަތަ "ސީ" ލައިސެންސް ކޯޗިންގް ކޯސް ފުރިހަމަ ކޮށްފައި ވުމެވެ. އަދި "ބީ" ލައިސެންސް ހާސިލްކޮށްފައިވާ ފަރާތްތަކަށް މަހަކު 500 ޑޮލަރަށް ވާ ދިވެހި ރުފިޔާ މުސާރައިގެ ގޮތުގައި ދޭން ކަނޑައަޅާފައި ވާއިރު، "ސީ" ލައިސެންސް ހާސިލްކޮށްފައިވާ ފަރާތްތަކަށް ކަނޑައަޅާފައިވާ މުސާރައަކީ 350 ޑޮލަރަށް ވާ ދިވެހި ރުފިޔާ އެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ ނުވައެއް ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއި ސީވީގެ އިތުރުން ލިބިފައިވާ ސެޓްފިކެޓުތަކުގެ ކޮޕީ ހުށައެޅުމަށް އެފްއޭއެމުން ވަނީ އެދިފައެވެ.