10 Feb 2011, 20:59
ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ރަމްޒުކޮށްދެނީ، ޒަމާނީ ޑިމޮކްރަސީ ރާއްޖޭގައި އަށަގެންނެވުމަށް ސަރުކާރާއި އެމްޑީޕީން ކުރާ މަސައްކަތަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތުން ކަމަށް އެމްޑީޕީން ބުނެފި އެވެ.
ސަރުކާރު ހިންގާ ޕާޓީގެ ވެބްސައިޓްގައި މިއަދު ޝާއިއުކޮށްފައިވާ ބަޔާނެއްގައި އެ ޕާޓީއަށް ލޯކަލް ކައުންސިލް އިންތިޚާބު ގައި ލިބުނު ކާމިޔާބު ބިނާވެފައިވާ 10 ނުކުތާ އެއް ފާހަގަ ކޮށްފައި ވެއެވެ.
އޭގެ ތެރޭގައި ވޯޓުލީ އާބާދީގެ ނިސްބަތުން ރައްޔިތުންގެ އެންމެ ގިނަ ވޯޓު ކާމިޔާބުކުރީ އެމްޑީޕީއިން ކަމަށާއި މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާ ތަކުން އެމްޑީޕީއަށް 44 ޕަސެންޓް ލިބިފައިވާކަން ފާހަގަ ކޮށްފައި ވެއެވެ. އަދި ހުރިހާ އިދިކޮޅު ފަރާތްތައް އެކުވެގެން ކުރި މަސައްކަތުން، ޑީއާރްޕީއަށް ލިބިފައި ވަނީ 40 ޕަސެންޓް ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.
އެމްޑީޕީން ވާދަކުރާ ކޮންމެ އިންތިޚާބެއްގައި ރައްޔިތުންގެ ތާއީދު އިތުރުވާ ކަމަށާއި 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި 2009 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުން އެކަން އެނގޭ ކަމަށް ބަޔާނުގައި ވެއެވެ. އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް 25 ޕަސެންޓް ލިބިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 33 ޕަސެންޓް، ލޯކަލް އިންތިހާބުގައި 44 ޕަސެންޓް މީހުންގެ ސީދާ ވޯޓު އެމްޑީޕީއަށް ލިބުނު ކަމަށް ވެސް ބުނެ އެވެ.
ރާއްޖޭގެ އާބާދީ ބޮޑު ސަރަހައްދުތަކާއި ދެ ސިޓީ އިން އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާކަން ފާހަގަކޮށް ބުނެފައި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޚާބުކުރާ މޭޔަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާނެ ދެ ބޭފުޅުންނަށް ވާކަމީ އެ ޕާޓީއަށް ލިބޭނެ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.
އެމްޑީޕީން ބުނީ ކުރިން ވެސް ތާއީދު ބޮޑު ރަށްތަކުން ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރިއަށް ވުރެ ބޮޑު ކާމިޔާބު ލިބިފައިވާ ކަމަށާއި އޭގެތެރޭގައި، ރަށު ކައުންސިލްގައި ހަތް މެމްބަރުން ތިއްބަވާ މުޅި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަށް ރަށުގެ ތެރެއިން ، ހއ. ހޯރަފުށި، ހއ. ދިއްދޫ، ޅ. ހިންނަވަރު، ލ. ގަން އަދި ގދ. ތިނަދޫން ވަރަށް ފުރިހަމަ އަޣުލަބިއްޔަތެއް ލިބިފައިވާ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީއަށް ލިބުނު ބޮޑު އެއް ކާމިޔާބަކީ ކުރިން ޑީއާރްޕީއަށް އާދަޔާ ޚިލާފަށް ތާއީދު ބޮޑު ހދ. ކުޅުދުއްފުށީގެ ހުރިހާ ގޮނޑި އެއް އެމްޑީޕީން ކާމިޔާބުކުރުމާއި ޑީއާރްޕީގެ ނުފޫޒު ގަދަ ކަމަށް ބެލެވޭ ސަރަހައްދުތަކުގެ ގޮނޑިތައް އެމްޑީޕީއިން ލިބުން ކަމަށެވެ. އެގޮތުން ލ. އިސްދޫކަލައިދޫއާއި ލ. ގަމާއި ކ. ދިއްފުށްޓާއި ބ. ކެންދޫގެ ރަށުކައުންސިލާއި، އއ. ތޮއްޑޫ ދާއިރާއާއި ޅ. ކުރެންދޫ ދާއިރާގެ އިތުރުން ހދ. ވައިކަރަދޫ ދާއިރާ ހިމެނޭކަން ފާހަގަކޮށްފައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި އަދި ބުނަނީ ހުދުމުޚުތާރު ވެރިކަމަކުން ޑިމޮކްރަސީއަށް ބަދަލުވި ޤައުމުތަކާއި، ޑިމޮކްރަސީ ފުރިހަމައަށް ޤާއިމުވެފައިވާ ޤައުމުތަކުގައި ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބުތަކުގެ ދުނިޔެ ހަޤީގަތަކީ، އިދިކޮޅު ޕާޓީއިން އެ އިންތިޚާބުތަކުގައި ކުރި ހޯދުން ކަމަށާއި ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޑީއާރްޕީއިން އެކަން ކުރުމުގައި ފެއިލްވެފައި ކަމަށެވެ.