ކުރިން ސިޓީ ކައުންސިލުން ކުރަމުން އައި، މާލޭގެ މަގުތައް ކުނިކަހައި ސާފު ކުރުމުގެ މަސައްކަތް 200 އަށް ވުރެ ގިނަ މުއައްޒިފުންނާ އެކު ހައުސިން މިނިސްޓްރީ އިން ފަށައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ މާލޭގެ ބިންތައް އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް އަމަލީ މަސައްކަތް ފެށުނުތާ ކުޑަ ދުވަސްކޮޅެއްވެފައިވާ އިރު މާލޭ ސާފުކުރުމަށް ބޮޑު އިސްކަމެއްދެއްވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް އިސްކަމެއް އެބަދެން މާލޭގެ ހުރިހާ ސަރަހައްދެއް ސާފުތާހިރުކަމާ އެކު ބެލެހެއްޓުމަށް. މިމަހުން ފެށިގެން މުޅި މާލޭގެ ހުރިހާ ސަރަހައްދެއް މިނިސްޓްރީގެ މުއައްޒިފުން ސާފު ކުރަމުންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރިން ސިޓީ ކައުންސިލް ދަށުގައި އެ މަސައްކަތް އޮތް އިރު އަމިއްލަ ފަރާތަކާއި ސާފު ކުރުމަށް ހަވާލުކޮށްފައިވާ ސަރަހައްދުތައް ވެސް މިހާރު މިނިސްޓްރީގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށާއި އެ މިނިސްޓްރީ އިން މަސައްކަތް ކުރަނީ ތާވަލެއްގެ ދަށުން މުޅި ދުވަހަށް ބަހައިގެން މާލެ ސާފުކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު މިއަދު ސަން އަށް އިންޓަވިއޫ ދެއްވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

މިހާތަނަށް އެންމެ ހިތްހަމަ ޖެހޭ ފެންވަރަށް މާލެ ސާފު ކުރުމުގެ މަސައްކަތް ކުރިއަށް އަދި ނުގެންދެވޭ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ވަރަށް ގިނަ ކަންކަން ރަނގަޅުކޮށް މަގުތަކުގެ ސާފުތާހިރުވުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މާރުކޭޓުތައް ފަދަ ގޮނޑު ސަރަހައްދުތައް ވެސް ސާފު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މާ ދުވަހެއް ނުވެ ވަރަށް އަވަހަށް ފެނިގެންދާނެ މާލޭގެ މަގުތަކާއި ބިން ފަދަ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓޭތަން. އެހެންވީމާ މިދަނީ މަރުހަލާއެއްގެ ތެރޭގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެނިގެންދާނެ އިރާދަކުރެއްވިއްޔާ މިއަށް ވުރެ ރަނގަޅުތަން." މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ކާނުތައް ސާފުނުކޮށް އެތައް ޒަމާނެއް ވެފައިވުމުން ވަރަށް ބޮޑަށް ކާނުތައް ބެދިފައިވާ ކަމަށާއި ނަމަވެސް މިހާރު ކާނުތައް ސާފު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައި ކާނުތައް ނުބެދި ފެންދައުރުވާ ގޮތަށް ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ސާފުތާހިރުކޮށް ބެލެހެއްޓުމަށް އާންމުންގެ ފަރުދީ ޒިންމާވަރަށް ބޮޑު ކަމަށާއި މިހާރު ވެސް އާންމުންގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ. ފުލުހުންނާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އާ ގުޅިގެން ވެސް މާލެ ސާފު ކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސާފު ކުރުމުގެ އިތުރުން މާލެމަގުތައް ރީތި ކުރުމަށް ޓްރެފިކް އެކި ނިޝާންތައް ކުރަހާފައިވާ ތަންތަނުގެ ކުލަ އާކުރުމާއި މީހުންނަށް އަނިޔާ ލިބޭނެހެން ބެހެއްޓިފައި ހުންނަ ކާނުތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.