މި އަހަރު ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދު ދޭން ގެނައި ނިއުރޭޑިއެންޓުގެ ކުރީގެ ކޯޗް ވެލިޒާ ޕޮޕޯވްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މި އަހަރު ބާއްވާ ފުރަތަމަ ތަމްރީނުތައް މިރޭ ބާއްވަން ނިންމައިފި އެވެ.

ގައުމީ ޓީމުގެ ތަމްރީނުތައް މިރޭ ފަށަން ނިންމާފައިވާކަން ޔަގީން ކޮށްދެމުން، އެފްއޭއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިރޭ ޓީމްގެ ޕްރެކްޓިސްތައް ފަށާއިރު ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މަދުވާނެ ކަމަށެވެ.

"މިރޭ ގައުމީ ޓީމްގެ ޕްރެކްޓިސްތައް ފަށާނެ، ނަމަވެސް ޓީމުން ދަގަނޑޭ އާއި ބަކާގެ އިތުރުން މާޒިޔާގައި ކުޅޭ ކުޅުންތެރިނަށް ވެސް މިރޭގެ ތަމްރީނުތަކުގައި ބައިވެރިއެއް ނުވެވޭނެ. ނިއުރޭޑިއެންޓުގެ ބައެއް ކުޅުންތެރިންވެސް މަދުވުން އެކަށީގެންވޭ. ނަމަވެސް އެއީ މާ ބޮޑު މައްސަލައަކަށް ނުވާނެ. އެއީ ކޯޗް ބޭނުންވަނީ މި ވަގުތު ތިބި ކުޅުތެރިންނަށް ގެންގުޅެން ވިސްނާ ޓެކްޓިކްސްތައް ބުނެދޭން،" އޭނާ ވިދާޅުވި އެވެ.

ގައުމީ ޓީމްގެ ތަމްރީނުތައް ފަށަން ހަމަޖެހިފައި ވަނީ މިރޭ 8:30 ގައި ޓާފް ދަނޑުގަ އެވެ. ގައުމީ ޓީމާއި ހަވާލުވުމަށް ފަހު، ކޮންމެ ހަފްތާއަކު އެއްފަހަރު ގައުމީ ޓީމްގެ ތަމްރީނުތައް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ކޯޗް ޕޮޕޯވް ވަނީ ބުނެފަ އެވެ.

ހަފްތާއަކު އެއްފަހަރު ބާއްވާ ގައުމީ ޓީމްގެ ތަމްރީނުތަކަށް ކްލަބުތަކުން ކުޅުންތެރިން ދޫކުރުމާއި ބެހޭ ގޮތުން ކްލަބްތަކުގެ މެނޭޖްމަންޓާއި ކޯޗުންނާއި ޕޮޕޯވް ވަނީ އިއްޔެ ބައްދަލު ކޮށްފަ އެވެ. އެ ބައްދަލުވުމުގައި ކުޅުންތެރިން ހަފްތާ އަކު އެއްފަހަރު ގައުމީ ޓީމުގެ ތަމްރީނުތަކަށް ދޫކުރަން ނިންމާފައިވާ އިރު، އެ ބައްދަލުވުމަށް ފަހު ޕޮޕޯވް ބުނީ އެއީ ވަރަށް ޕޮސިޓިވް ބައްދަލުވުމެއް ކަމަށާއި ކްލަބުތަކުން އެކަމުގައި އޭނާ އަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރާއްޖޭގެ ގައުމީ ޓީމާއި ކޯޗް ޕޮޕޯވް ހަވާލުވިކަން އެފްއޭއެމުން ހާމަކޮށްފައި ވަނީ މިދިޔަ މަހު ބޭއްވި ޕީޕަލްސް ކަޕްގެ ފައިނަލް މެޗަށް ފަހު އެވެ. އެ މަގާމާ ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކޮށް، ކޯޗް ޕޮޕޯވް ބުނީ ގައުމީ ޓީމު ހިންގުމަށް ބަދަލުތަކެއް އޭނާ ގެންނަން ބޭނުންވާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ހަފްތާއަކު އެއްފަހަރު ގައުމީ ޓީމްގެ ތަމްރީނުތައް ބޭއްވުން ކަމަށެވެ.

އޭގެ އިތުރުން މި އަހަރުތެރޭ ގައުމީ ޓީމަށް ވާދަވެރި ރަހުމަތްތެރި ކަމުގެ މެޗުތަކެއް ހޯދަދޭން މަސައްކަތް ކުރާނެ ކަމަށްވެސް ކޯޗް ޕޮޕޯވް ވަނީ ބުނެފަ އެވެ.