ރާއްޖޭގެ ބާސްކެޓް ބޯޅަ އެސޯސިއޭޝަން (އެމްބީއޭ)ގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ނުބާއްވައި އެ އެސޯސިއޭޝަނުން މި އަހަރުތެރޭ ހިންގަން ރާވާފައިވާ ހަރަކާތަކުގެ ކަލަންޑަރު ފައިނަލްކޮށް، އާންމު ކޮށްފި އެވެ.

އެމްބީއޭގެ 2015 ވަނަ އަހަރުގެ އެކްޓިވިޓީސް ކަލަންޑަރު އާންމުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ ކަލަންޑަރުގައި މި އަހަރު މުޅިން އަލަށް އެމްބީއޭއިން ދެ މުބާރާތެއް ބާއްވަން ނިންމާފައި ވާއިރު، އޭގެ އިތުރުން އަށް މުބާރާތަކާއި ވައިޑީޕީ ޕްރޮގްރާމެއްވެސް އެމްބީއޭއިން ހިންގަން ރާވާފައި ވެއެވެ.

އެމްބީއޭގެ ކަލަންޑަރާއި ބެހޭގޮތުން 'ސަން'އަށް މައުލޫމާތު ދެމުން އެ އެސޯސިއޭޝަންގެ ސެކްރެޓެރީ ޖެނެރަލް ހުސެއިން އާރިފް ރިޒާ ވިދާޅުވީ، އެމްބީއޭގެ މިއަހަރުގެ ކަލަންޑަރު ފައިނަލް ކުރަން ހިންގާ ކޮމިޓީގެ ތިން ޖަލްސާއަކަށް އިއުލާނު ކުރެވުނު ކަމަށާއި، ނަމަވެސް އެ ތިން ޖަލްސާވެސް ބޭއްވިފައި ނުވާކަމަށެވެ.

"އެމްބީއޭގެ މިއަހަރުގެ ކަލަންޑަރު ފައިނަލް ކުރަން އަޅުގަނޑުމެން ހިންގާ ކޮމިޓީގެ ތިން ޖަލްސާއަކަށް އިއުލާނު ކުރިން. ނަމަވެސް އެ ތިން ޖަލްސާވެސް މެންބަރުން ހަމަ ނުވުމުގެ ސަބަބުން ނުބޭއްވުނު. އެހެން ކަމުން އަޅުގަނޑުމެން ނިންމީ އަހަރު ކުރިއަށް ދާތީ ހިންގާ ކޮމިޓީގެ ޖަލްސާއަކާ ނުލައި ކަލަންޑަރު ފައިނަލް ކުރަން. އެކަން އެގޮތަށް ކުރަން އެމްބީއޭގެ އަސާސީ ގަވައިދުވެސް ތަން ދޭ،" އާރިފް ވިދާޅުވި އެވެ.

އެކަމާއި ގުޅޭ ގޮތުން 'ސަން'އަށް މައުލޫމާތު ދެމުން އެމްބީއޭގެ ހިންގާ ކޮމިޓީގެ އިސް އޮފިޝަލަކު ވިދާޅުވީ، ހިންގާ ކޮމިޓީގެ ބައްދަލުވުމަކާ ނުލައި އަހަރީ ކަލަންޑަރު ފައިނަލް ކުރަން އެމްބީއޭގެ އަސާސީ ގަވައިދު ތަން ދޭ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

"ހިންގާ ކޮމިޓީގެ ބައްދަލުވުމަކާއި ނުލާ އަހަރީ ކަލަންޑަރު ފައިނަލް ކުރަން އަސާސީ ގަވައިދު ތަން ދޭ ކަމަކަށް އަޅުގަނޑަށް ލަފައެއް ނުކުރެވޭ. އެކަން އެގޮތަށް ވެފަ މިއޮތީ ހިންގާ ކޮމިޓީގެ ބައެއް ބޭފުޅުން އަސާސީ ގަވައިދު މާނަ ކުރުމުގައި އަޅުގަނޑުމެންނާ ތަފާތު މިންގަނޑުތަކެއް ގެންގުޅޭތީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިންގާ ކޮމިޓީގެ ބައްދަލުވުންތަކަށް މެންބަރުން ހާޒިރު ނުވަނީ އެ ކޮމިޓީގެ ވަރަށް ބައިވަރު މައްސަލަތައް ހުރުމުން ކަމަށާއި، އެމްބީއޭއަކީ މިހާރު ރިފޯމަކަށް ދާން ޖެހިފައިވާ ތަނެއް ކަމަށެވެ.

"ހިންގާ ކޮމިޓީގެ ޖަލްސާތަކަށް މެންބަރުން ހާޒިރު ނުވަނީ ވަރަށް ގިނަ ސަބަބުތަކެއް ހުރުމުން. އެ ޖަލްސާއިން އަނެއް ޖަލްސާއަށް ހިންގާ ކޮމިޓީގެ ޔައުމިއްޔާ ފާހެއް ނުކުރެވޭ. ހިންގާ ކޮމިޓީގައި ހުރި މައްސަލަތައް ބެލުމަށް އޭޖެންޑާ ކުރަން އަޅުގަނޑުމެން އެދުމުން އެކަންވެސް ނުވޭ. މިކަހަލަ އެތައް މައްސަލައެއް އެބައުޅޭ. އެމްބީއޭ އަކީ މިހާރު 100 ޕަސެންޓު ރިފޯމަކަށް ދާން ޖެހިފައި ވާތަނެއް،" އޭނާ ވިދާޅުވިއެވެ.

އެމްބީއޭގެ ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި މިފަދަ ހިޔާލު ތަފާތުވުންތަކެއް ހުރިކަން ފެންމަތިވެފައި ވާއިރު، އެ އެސޯސިއޭޝަނުން މިދިޔަ މަހު ބޭއްވި 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ބުނެ، އެ މައްސަލަ ވަނީ ޔޫތު މިނިސްޓްރީއަށްވެސް ހުށައަޅާފައެވެ.