ވަކި މީހަކަށް ވަކިގޮތެއް ނުހެދޭނެ ކަމަށާއި ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިނުމާ މެދު އެންމެންނާ މެދު ވެސް އަމަލުކުރާނީ އެއް އުސޫލަކުން ކަމަށް ހައިކޯޓުން ބުނެފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުގެ ރިސާތު ބެލެހެއްޓެވި އައްބާސް ޝަރީފް ވިދާޅުވީ، އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ މީހުން ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިނުމުގައި އަމަލުކުރަނީ އެއް އުސޫލަކުން ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ، ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ މީހެއް ކަމަށް ވާނަމަ އެފަދަ މީހަކު ރާއްޖެއިން ބޭރަށް ފުރަންޖެހޭނީ އެ ކޯޓުން ހުއްދަނަގައިގެން ކަމަށެވެ.

"ހައިކޯޓުން ހުއްދަ ނަގަންޖެހޭނެ. މިއީ ކުރިން ވެސް ހައިކޯޓުން އަމަލުކުރަމުން ދިޔަ ގޮތް. ވަކި ބޭފުޅަކަށް ވަކި ގޮތަކަށް ނެހެދޭނެ،" ފަނޑިޔާރު އައްބާސް ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު މިހާރު ހުރީ ބަންދުގައި ނޫން ކަމަށާއި ހެޔޮހާލުގައި ކަމަށެވެ. އެހެންކަމުން ކޯޓުން އަންގާ ކޮންމެ ވަގުތަކު ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޝަރީއަތް ނޯންނަ ދުވަސްދުވަހު ތަންތަނަށް ދާން ބޭނުންފުޅުވާ ކަމަށާއި އެކަމަށްޓަކައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ބޭނުންވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ހުޅުމާލޭ ކޯޓުން ޝަރީއަތް ކުރިއަށްގެންދިޔަ ދުވަސްވަރު ވެސް ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަނީ އެ ކޯޓުގެ ހުއްދަ ހޯދައިގެނެވެ.