އިނގިރޭސިވިލާތުގެ މީޑިއާ ޖައިންޓް ރޫޕަޓް މަރުދޯފުގެ ކުންފުނި، ނިއުސް ކޯޕްގެ މައްޗަށް ވަގަށް ފޯނު އަޑު އެހުމުގެ ދައުވާ ނުކުރުމަށް އެމެރިކާ އިން ނިންމައިފި އެވެ.

އެެމެރިކާގެ އޮފިޝަލުން ބަލަމުން އައީ ރޫޕަޓް މަރުދޯފުގެ ނިއުސް ކޯޕް ކުންފުނީގެ ނޫސްވެރިން އިނގިރޭސި ވިލާތުގެ ފުލުހުންނަށް ރިޝްވަތު ދިނުމުގައިއެ ކުންފުނީގެ އެމެރިކާ ގޮފިން އެ ގައުމުގެ އެންޓި ކޮރަޕްޝަން ގާނޫނާ ހިލާފުވެފައިވޭތޯ ބެލުމުގެ މަސައްކަތެވެ.

ނަމަވެސް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ހޯމަ ދުވަހު ބުނީ އެ މައްސަލަ މިހާރު ކުރިއަށް ގެންދިއުމަށް ނިންމާފައި ނުވާ ކަމަށާއި ތަހުގީގު ހުއްޓާލާފައިވާ ކަމަށެވެ.

ފޯން ހެކިންގެ ހިޔާނާތާ ގުޅިގެން، އިނގިރޭސި ވިލާތުގައި ރޫޕަޓް މަރުދޯފު ނެރޭ ޓެޕްލޮއިޑް ނޫސް 2011 ވަނަ އަހަރު ބަންދު ކުރި އެވެ. އަދި ސަރުކާރު އޮފިޝަލުންނަށް ރިޝްވަތު ދިނުމާއި ފޯން ހެކިންގެ މައްސަލަތަކާ ގުޅިގެން އިނގިރޭސި ވިލާތުގެ އެތައް ނޫސްވެރިންގެ މައްޗަށް ދައުވާ ކުރި އެވެ.

ބީބީސީ އިން ބުނީ ނިއުސް ކޯޕްސް ސާވިސް އިން ގާނޫނާ ހިލާފު ކަމެއް ހިންގާފައިވޭތޯ ބެލުމަށް އެ ކުންފުނީގެ އެތައް ހާސް އީމެއިލެއް ނިއުޔޯކްގެ އެފްބީއައި އިން ބެލި ކަމަށެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ނިއުސް ކޯޕް އިން ފޮރިން ކޮރަޕްޓް ޕްރެކްޓިސް ގާނޫނާ ހިލާފުވެފައިވޭތޯ އާއި އަދި ރިޝްވަތުދިން ކަމަށް ތުހުމަތުކޮށް، ބަލަމުން އައި ތަހްގީގު ނިންމާލާފައިވާ ކަމަށެވެ.

ނިއުސް ކޯޕުން ބުނީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ފޯން ވަގަށް އަޑު އެހިކަމަށް ބުނެ މައްސަލަ އުފެއްދި ފަރާތްތަކުން ބުނީ އެ މައްސަލައިގެ ތަހްގީގު ހުއްޓާލުމުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި ސެޕްޓެމްބަރު 11ގައި ނިޔާވި މީހުންގެ ފޯން ވަގަށް އަޑުއަހާފައިވާ ކަމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރު ދެ ކުންފުންޏަކަށް ބަދަލު ކުރި، ނިއުސް ކޯޕް އާއި ޓުވެންޓީ ފަސްޓް ސެންޗުއަރީ ފޮކްސް ކޮންޓްރޯލް ކުރަނީ ރޫޕަޓް މަރުދޯފު އެވެ.