03 Feb 2015, 12:45
އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެއްދުރަ މޯދީ މާޗު މަހު ސްރީލަންކާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.
މޯދީގެ އެ ދަތުރުފުޅު ތާވަލުކުރެއްވީ ސްރީލަންކާގައި އަލަށް އިންތިހާބުވި ރައީސް މައިތެރިޕާލާ ސިރިސޭނާ މި މަހުގެ 16 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީ އަށް ދަތުރުފުޅެއް ކުރައްވަން ނިންމެވުމާ ގުޅިގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ނިއުދިއްލީގެ އޮފިޝަލް ސޯސްއަކާ ހަވާލާދީ އިންޑިއާގެ ދަ ހިންދޫ ނޫހުގައި ބުނެފައި ވަނީ މޯދީގެ ދަތުރުފުޅުގައި ސްރީލަންކާގެ އުތުރު ޕްރޮވިންސްގައި ހިމެނޭ ތަމަލްގެ ޖަފަނާއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭގެ އިތުރުން އިންޑިއާގެ ހުރިހާ އަވަށަކަށް މޯދީ ޒިޔާރަތްކުރައްވާނެ ކަމަށް ބެލެވޭ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. އެގޮތުން 2012 ވަނަ ތަމަޅައިންގެ ހަގުރާމައިގައި ގެދޮރު ގެއްލިގެން ދިޔަ ފަރާތްތަކަށް އިންޑިއާ ސަރުކާރުން އަޅައިދިން 50،000 ހައުސިންގް ޔުނިޓް ހުރި ސަރަހައްދަށް މޯދީ ޒިޔާރަތްކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ދަ ހިނދޫ ނޫހުގައި ވަނީ ބުނެފަ އެވެ.
މޯދީ ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރެވގެންދާނެ އެވެ. އަދި ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ ސަރުކާރުގައި އިންޑިއާ އާއި ސްރީލަންކާގެ ދެމެދުގައި އިގްތިސާދީގޮތުން އެއްބަސްވުމަށް އައުމަށް މަޝްވަރާކުރެވެމުން ދިޔަ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވާނެ ކަމަށް ބެލެވޭ ކަމަށް ދަ ހިންދޫ ނޫހުގައި ބުނެފައިވެ އެވެ.
ވޭތުވެ ދިޔަ 25 އަހަރު ތެރޭ އަވައްޓެރި ގައުމަށް އިންޑިއާގެ ޕްރައިމް މިނިސްޓަރަކު ރަސްމީ ދަތުރުފުޅެއް ކުރައްވާ އެއީ ފުރަތަމަ ފަހަރެވެ. ސްރީލަންކާއަށް އެންމެ ފަހުން ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ވަނީ ރާޖީވް ގާންދީގެ ޕްރައިމް މިނިސްތަރު ކަމުގެ ދަށުގައި 1987 ވަނަ އަހަރު އެވެ.