ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ދެކޮޅަށް ހުށަހެޅުއްވި މައްސަލައިގެ އިޖުރާއީ ނުކުތާއާ މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ހައިކޯޓުން ބުނެފި އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ، އަންނަ ހަފްތާގައި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމާނެ ކަމަށާއި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެދުވަހު ނިންމައިފިނަމަ، ދައުވާއާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ދެ ފަރާތައް ވެސް އެދުވަހު ދެއްވާނެ ކަމަށެވެ.

ރައީސް ނަޝީދު ހައިކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލަ ބެއްލުމަށް ޖޭއެސްސީން ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެއެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އެދިވަޑައިގެންފައި ވަނީ ހުޅުމާލޭ ކޯޓުގައި ޖޭއެސްސީން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އިޖުރާއީ ނުކުތާއަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ދެއްވި ޖަވާބާ ގުޅިގެން ޖޭއެސްސީގެ ވަކީލު ވިދާޅުވީ، ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައި ވަނީ ސުޕްރީމް ކޯޓުގެ ސިޓީއަކުން އެކަމަށް ހުއްދަދީފައިވާތީ ކަމަށެވެ.

އެވާހަކައަށް ރައްދު ދެއްވައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، ފަނޑިޔާރުންގެ ބެންޗު އެކުލަވާލަން ހުއްދަދީފައިވާ ސިޓީގައި ވަނީ ސުޕްރީމް ކޯޓުގެ ނިންމުމެއް ނޫން ކަމަށާއި އެއީ ޖުޑީޝަލް ކައުންސިލުންގެ ނިންމުމެއް ކަމަށެވެ. ޖުޑީޝަލް ކައުންސިލުގެ މެމްބަރުންނަކީ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.