03 Feb 2015, 12:16
ރާއްޖޭގެ ބައެއް ރަށްތަކަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަތައް ހައްލުކުރުމަށް ބޭރުގެ ލޯން އެހީގެ ދަށުން މި އަހަރު ރާއްޖޭގެ 16 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޏ. ފުވައްމުލަކުގައި އަޅާ ފެނާއި ނަރުދަމާގެ ނިޒާމް ޑިސައިންކޮށް ބެލެހެއްޓުމަށް ބަޔަކާ ހަވާލުކުރުމަށް މޫކައި ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ 16 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ބޭރުގެ ލޯން އެހީގެ ދަށުން މި އަހަރު 771 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
"އެ ފަންޑުގެ ދަށުން 11 ރަށެއްގެ ނަރުދަމާ އާއި ފަސް ރަށެއްގައި ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޕްރޮޖެކްޓްތައް ހިންގޭނެ. އަދި 2016 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2017 ވަނަ އަހަރުގެ ކުރީކޮޅަށް އެ މަސައްކަތްތައް ނިންމާލެވޭނެ،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މިސަރުކާރުން އިސްކަމެއްދެއްވާ ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ ގާތްގަނޑަކަށް 14 ރަށެއްގައި 700 މިލިއަން ރުފިޔާގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތްތައް ވެސް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ތޯރިގް ވިދާޅުވީ ވަޒީފާ އުފެއްދުމަކީ ވެސް މިސަރުކާރުގެ އަމާޒަކަށްވާ އިރު، ކުރިއަށް ހުރި ބިޔަ ޕްރޮޖެކްޓްތަކުން އުފެދޭ ވަޒީފާތަކަށް މީހުން ތަމްރީން ކުރުމުގެ މަސައްކަތް ފެށުމަށް ވިސްނަމުންދާ ކަމަށެވެ.
"ފެނާއި ނަރުދަމާގެ ނިޒާމަކީ ވެސް އާ ޓްރޭޑެއް. އެހެންކަމުން މިދާރާ އިން މީހުން ބިނާކުރުމަކީ މުހިއްމު ކަމަކަށްވާތީ، ގަސްދުކުރަން އޮޕަރޭޝަން އެންޑް މެއިންޓަނެންސް ދާއިރާއިން މީހުން ނެރެން. އެ ދާއިރާ އިން މީހުން ތަމްރީން ކުރުމަށް ޔުނިވާސިޓީ އާއި ޓެކްނިކަލް ބޭފުޅުންނާ މަޝްވަރާކޮށްގެން ކުރިއަށް އޮތްތަނުގައި މަސައްކަތްކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.