03 Feb 2015, 12:10
އިންޑިއާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ މާއޮއިސްޓުން ދިން ހަމަލާއެއްގައި އެގައުމުގެ ދެފުލުހަކު މަރުވެ، ހަފުލުހަކު ޒަހަމްވެއްޖެ އެވެ.
އިންޑިއާ އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓެޑްޕްރެސް (އޭޕީ) ބުނީ ޝައްޓިސްގަރުގެ ކަންކަރް ޑިސްޓްރިކްޓްގެ ޕާލަމެންޓްރީ ފުލުހުންނަށް މާއޮއިސްޓުން ދިން އެ ހަމަލާ އަށް ފަހު، މާއޮއިސްޓުން ހޯދުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ އެމީހުން ހޯދުމަށް ފުލުހުން ޖަންގަލިތެރެ ބަލަމުން އަންނަ ކަމަށެވެ.
މާއޮއިސްޓުން ޖަންގައްޔަށް ފިލުމުގެ ކުރިން ފުލުހުންނާ އެމީހުންނާ ދެމެދު ދެގަޑިއިރުވަންދެން ބަޑީގެ ހަމަލާތައް ބަދަލުކޮށްފައިވާ ކަމަށް އިންޑިއާ ފުލުހުން ވަނީ ބުނެފަ އެވެ.
ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒޭޑޮންގެ ފަލްސަފާއަށް ތާއީދުކުރާ މާއޮއިސްޓުން އިންޑިއާ ސަރުކާރާ ހަނގުރާމަކުރާތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެމީހުން އިންޑިއާ ސަރުކާރާ ހަނގުރާމަކުރަނީ ފަގީރުންގެ ހައްގުތަކާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ ނަމުގަ އެވެ. އިންޑިއާގެ ގިނަ ސްޓޭޓްތަކެއްގައި އެމީހުން ހަރަކާތްތެރިވެ އެވެ. ނަމަވެސް ފަގީރުކަން އާއްމުވެފައިވާ ޝައްޓިސްގަރަކީ އެމީހުންގެ ހަރަކާތްތައް އެންމެ ގިނަ ސަރަހައްދެވެ. މާއޮއިސްޓުންނާ އިންޑިއާ ފުލުހުންނާ ދެމެދު ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި އެތައް ހާސް ބަޔަކު މަރުވެފައިވާ އިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ފުލުހުންނެވެ.