ފުޓްބޯޅަ މެޗެއްގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރުވޭ ކުޅުންތެރިންގެ އަދަދު ތިނަކުން ހަތަރަކަށް އިތުރުކުރުމާމެދު ފީފާއިން މަޝްވަރާކުރަން ނިންމައިފި އެވެ.

އެ ބަދަލާމެދު މަޝްވަރާކޮށް ވަކި ގޮތެއް ނިންމުމަށް ފީފާއިން ނިންމާފައި ވަނީ ފުޓްބޯޅައިގެ ގަވައިދުތައް ހަދާ ފީފާގެ ބޯޑު ކަމަށްވާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ)އިން މި އަހަރު ބާއްވާ އެ ބޯޑުގެ އަހަރީ އާންމު ޖަލްސާގައެވެ.

ތިން ކުޅުންތެރިންގެ ބަދަލުގައި ހަތަރު ކުޅުންތެރިން މެޗެއްގައި އެރުވޭ ގޮތަށް ގަވައިދަށް ބަދަލުގެންނަން އައިއެފްއޭބީއަށް ހުށަހަޅާފައި ވަނީ މެންބަރު އެސޯސިއޭޝަންތަކާއި ކޮންފެޑަރޭޝަންތަކުގެ ފަރާތުން ފީފާ އެވެ. ފީފާއިން އެ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުގައި، މެޗެއްގައި ހަތަރުވަނަ ކުޅުންތެރިއަކު ބަދަލު ކުރެވޭގޮތަށް ކަނޑައަޅާފައި ވަނީ ހަމައެކަނި އިތުރު ވަގުތުގެ ގޮތުގައި 30 މިނެޓު ކުޅެން ޖެހޭ މެޗުތަކުގެ އިތުރު ވަގުތުގައެވެ.

އެ ގަވައިދުގެ އިތުރުން އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ 'ސިން ބިން' ޔޫތު ފުޓްބޯޅައަށް ތައާރަފް ކުރުމަށް އައިއެފްއޭބީއަށް ހުށައަޅާފައެވެ. އެ ގަވައިދުގެ ސަބަބުން ކުޅުންތެރިންނަށް ދެއްކޭ ކާޑުތަކުގެ އިތުރުން، މެޗެއްގައި އަހުލާގީ މައްސަލައެއް ކުޅުންތެރިއެއްގެ ފަރާތުން ފެނިއްޖެ ނަމަ ކަނޑައެޅޭ ވަކި ވަގުތަކަށް އެ ކުޅުންތެރިޔާ މެޗުން ބޭރުގައި ބަހައްޓާ ގޮތަށް ނިމިގެން ދާނެއެވެ.

އެމެރިކާގެ އެފްއޭއިން ހުށަހެޅި 'ސިން ބިން' ގަވައިދަކީ މީގެ ކުރިން ޔޫއެފާގެ ރައީސް މައިކަލް ޕްލެޓިނީ ފުޓްބޯޅައަށް "ހުދު" ކާޑެއް ތައާރަފް ކުރަން ހުށަހެޅި ހުށަހެޅުމާ އެއްގޮތް ސިފަތަކެއް ހުންނަ ކަމެކެވެ.

ޕްލެޓިނީ ހުށަހެޅި "ހުދު" ކާޑުގެ ބޭނުމަކީ، ދަނޑުމަތީގައި ރެފްރީގެ ނިންމުންތަކަށް ކުޅުންތެރިން ކުރާ އިހުތިރާމު އިތުރުކޮށް މެޗުގައި ކުޅުންތެރިންގެ ޑިސިޕްލިން ރަނގަޅު ކުރުމެވެ. ޕްލެޓިނީގެ ހުށަހެޅުމުގައި އެ ކާޑު ދައްކާ ކުޅުންތެރިއަކު ކުޅުމުން ބޭރުގައި 10 މިނެޓު މަޑުން ކުރަން ޖެހޭގޮތަށް ކަނޑައަޅާފައި ވެއެވެ. މިހާރު ގެންގުޅޭ ރަތް ކާޑާއި ރީނދޫ ކާޑާއި، ޕްލެޓިނީ ހުށަހެޅި "ހުދު" ކާޑުގެ ތަފާތަކީ، މެޗުގައި ކުރާ ފައުލްތަކުގެ ބަދަލުގައި އެ ކާޑު ބޮޑަށް އަމާޒު ކުރެވިގެން ދާނީ މެޗުގައި ކުޅުންތެރިންގެ ޑިސިޕްލިން ރަނގަޅު ކުރު ވުމަށް ކަމަށެވެ.

އެ ދެ ގަވައިދުގެ އިތުރުން 'ޓްރިޕްލް ޕަނިޝްމަންޓް' ގަވައިދާއި އިތުރު ވަގުތު ދެއްކުމުގައި ގެންގުޅޭ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމުގެ އިތުރުން، 'ހޭންޑް ބޯލް'ގެ ގަވައިދުތައް އިސްލާހު ކުރުމަށްވެސް ބައެއް އެސޯސިއޭޝަންތަކުން އައިއެފްއޭބީއަށް ވަނީ ހުށަހަޅާފައެވެ.

'ޓްރިޕްލް ޕަނިޝްމަންޓް' އަކީ ޑިފެންޑަރަކު ފައުލް ކުރުމުން ރަތް ކާޑަކާއި ޕެނަލްޓީއެއްގެ އިތުރުން އެ ކުޅުންތެރިޔާއަށް ސަސްޕެންޝަނެއް ދޭން ނިންމާ ނިންމުންތަކަށް ކިޔާ ނަމެކެވެ. ބައެއް އެފްއޭތަކުން އެ ގަވައިދު އިސްލާހުކުރަން ހުށަހަޅާފައި ވަނީ އެ ގަވައިދު މާ "ހަރުކަށި" ކަމަށް ބުނެއެވެ.

އައިއެފްއޭބީގެ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު އަޔަލޭންޑުގެ ކްރައިގަވަޑް ގައެވެ. އެއީ އެ ބޯޑުގެ 129 ވަނަ އަހަރީ އާންމު ޖަލްސާ އެވެ.