ވޮޝިންގޓަން : ސުލްހަވެރިގޮތުގައި މިސްރުގެ ވެރިކަން އެހެން ބޭފުޅަކަށް ނަޤުލު ކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގޮވާލައިފިއެވެ.
ވައިޓް ހައުސް އިން ބުނިގޮތުގައި ސުލްހަވެރިގޮތުގައި މިސްރުގެ ވެރިކަން އެހެން ބޭފުޅަކަށް ނަޤުލު ކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިއްމުކަމާބެހޭގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ސައޫދީ ރަސްގެފާނު ޢަބްދުﷲ އާ މިއަދުވަނީ ފޯނުންގުޅުއްވައި ވާހަކަ ދައްކަވާފައެވެ. މިއީ މިސްރުގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށްޓަކައި މިސްރުގެ ރައްޔިތުން އުތުރިއަރަމުން ގެންދާ މިދުވަސްވަރުގައި މިސްރުގެ މުސްތަޤްބަލާބެހޭގޮތުން އޮބާމާ، ސައޫދީ ރަސްގެފާނާ ފޯނުންގުޅުއްވައި ވާހަކަ ދެއްވި ދެވަނަ ފަހަރެވެ.
މުބާރަކްގެ ޚުދުމުޚްތާރު ވެރިކަން ވައްޓާލުމަށް ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތަކަށް ސަޢުދީ އަރަބިޔާވަނީ ނުރުހުން ފާޅުކޮށްފައެވެ. ސައޫދީ ސަރުކާރުން މިމުޒާހަރާތައް ސިފަކުރަނީ ޑިމޮކްރަސީގެ ނަމުގައި މަދުބަޔަކު ހިންގާ ހަމަނުޖެހުންތަކެއްގެ ގޮތުގައެވެ. ނަމަވެސް ޑިމޮކްރަސީގެ ނަމުގައި ވަކާލާތުކުރާ އެމެރިކާ މިހާރުގެންދަނީ މުބާރަކަށް ތާއީދުކުރަން ފަސްޖެހެމުންނެވެ.
މިސްރުންވަނީ މިމައްސަލާގައި އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިސްރުގެ ޚާރިޖީ ވަޒީރު އަޙްމަދު އަބުލްޣައިތު ވިދާޅުވީ އަވަސްގޮތެއްގައި މިސްރުގެ ވެރިކަން އެހެންފަރާތަކަށް ނަޤްލުކުރުމަށާއި ކުއްލި ޙާލަތު އުވާލުމަށް އެމެރިކާގެ މަސްއޫލުވެރިން ގޮވާލެއްވި ގޮވާލެއްވުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫން ކަމުގައެވެ. އަދި މިއީ އެމެރިކާއިން މިސްރަށް ނުފޫޒު ހިންގައި ނާޖާއިޒުގޮތެއްގައި ވަކިކަންތައްތަކެއް ކުރުމަށް މިސްރަށް އަމުރުކުރުން ކަމަށްވެސް މިސްރުގެ ޚާރިޖީ ވަޒީރު ސިފަކުރެއްވިއެވެ. މީގެއިތުރުން އެމެރިކާގެ ރައީސްގެ ނަސީޙަތްތަކަކީ މިސްރަށް ފައިދާހުރި އެއްޗެއް ނޫންކަމަށްވެސް މިސްރުގެ ޚާރިޖީ ވަޒީރު ސިފަކުރެއްވިއެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް